ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރަކަށް ދިވެހި ސިފައިން ހަދަން ބޭނުންވާ ކަމަށް އެކުލަބުގެ ފުރަތަމަ ރައީސްކަން ކުރެއްވި އަދި މިހާރުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސިފައިންގެ ކުލަބުގެ ވޮލީ ޓީމަށް ކުޅޭ ކުޅުންތެރިން ތަޢާރަފްކޮށް، އެކުލަބުގެ ކޯޗާއިއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިއްތާތުގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ސިފައިންގެ ކުލަބަކީ ރާއްޖޭގެ ފުޓްބޯޅާގައި ގަދަބާރަކަށް ހެދުން ކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭރު ދިވެހި ސިފައިންގެ ކުލަބު އުފެދިގެން އައިއިރު، އެކުލަބުގެ ތެރޭގައި ފުޓްބޯޅަ ޓީމެއްވެސް އުފެއްދެވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ސިފައިންނަކީ ފުޓްބޯޅަ ކުޅޭ ބަޔަކަށްވާތީ ކަމަށެވެ. އަދި ސިފައިންގެ ފުޓްބޯޅަ ޓީމު އުފެދިގެންދިޔަ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ފުޓްބޯޅައިން އެޓީމު ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދިކަން އެދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފާހަގަކުރެއްވެވި އެވެ.

އަދި މީގެ އިތުރުން މިނިސްޓަރު ވަނީ ދިވެހި ސިފައިންގެ ކުލަބުގެ ތެރެއިން، އަލުން ފުޓްބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެކަމަށް ވެސް އެދުވަހު އިއުލާން ކުރައްވާފަ އެވެ.

މިނިސްޓަރ ވިދާޅުވީ، ޑީއެސްސީގެ ފުޓްބޯޅަ ޓީމާމެދު އެމަނިކުފާނު އުންމީދު ކުރައްވަނީ ހަމައެކަނި ޤައުމީ ފެންވަރުގައި ނޫން ކަމަށާއި، އެހެންނަމަވެސް ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ވާދަކުރުމަށް ކަމަށެވެ.

ސިފައިންގެ ފުޓްބޯޅަ ޓީމު ހުއްޓާލީ ތިން ވަނަ ޑިވިޝާނާއި ދެ ވަނަ ޑިވިޝަނުގައި ވާދަ ކުރުމަށްފަހު ފުރަތަމަ ޑިވިޝަނުގެ ކޮލިފިކޭޝަން ކުޅެން އެފް.އޭ.އެމުން ފުރުސަތު ނުދިނުމުންނެވެ. އެއީ ފުޓްބޯޅައަށް އެންމެ ރަނގަޅު ގޮތަކީ ސިފައިންނާއި ފުލުހުން ފުޓްބޯޅައިގައި ވާދަނުކުރުން ކަމަށް ބޮޑެތި ކުލަބުތަކުގެ މަޝްވަރާގެ މަތިން އެފްއޭއެމުން ނިންމުމުންނެވެ.