23 Feb 2023, 14:57
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ރަސްދޫ ބަލިކޮށް ބޮޑުފޮޅަދޫ އއ. އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު ބޮޑުފޮޅުދޫން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ބޮޑުފޮޅުދުއަށް ފައިނަލަށް ދެވެން އޮތެެވެ.
ރަސްދޫއާއި ބޮޑުފޮޅުދޫ ބައްދަލުކުރި މެޗުގައި ބޮޑުފޮޅުދޫގެ ގޯލުތައް ޖެހީ އަހުމަދު ރިޔުޝާންއާއި އަލީ ޝާނީޒެވެ. އަނެއް ގޯލަކީ ރަސްދޫގެ ހުސައިން ޝަރީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ރަސްދޫން މެޗުގައި ޖެހި ދެ ގޯލު ޖެހީ އަލީ އައިމަންއާއި އަލީ މުސްތަފާއެވެ.
އއ. އަތޮޅުގެ ފައިނަލުގައި ބޮޑުފޮޅުދޫ ވާދަކުރަންޖެހޭނީ މަތިވެރިއާއެވެ. އެ މެޗު ކުޅޭނީ މާދަމާ ހަވީރު 4:00 ގައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

ރަސްދޫއާއި ބޮޑުފޮޅަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ.
ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.