23 Feb 2023, 15:23
ގޯލްޑަން ފުޓްސަލް ޗެލެންޖު 2023ގެ ފ. އަތޮޅު ފައިނަލަށް ނިލަންދޫއާއި މަގޫދޫ ދަތުރުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު ފ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކޮށްފައި ވަނީ ނިލަންދޫއާއި މަގޫދޫއެވެ.
އެ މެޗަށް ނިކުތް އިރު ވެސް ނިލަންދޫއަށް އޮތީ ފައިނަލްގެ އުންމީދު ބޮޑުކޮށެވެ. އެއާ ޚިލާފަށް މަގޫދޫ ފައިނަލަށް ދިއުމަށް ނިލަންދޫ އަތުން މޮޅުވާން ޖެހެއެވެ.
އެ މެޗު ނިމުނީ 1-0ގެ ނަތީޖާއަކުން މަގޫދޫ ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން އެ އަތޮޅު ފައިނަލަށް ދަތުރުކުރީ މަގޫދޫއާއި ނިލަންދޫއެވެ. އެ މެޗުގައި މަގޫދޫން ޖެހި ހަމައެކަނި ގޯލު ޖެހީ މޫސާ އަސްއަދު އަންވަރެވެ.
ރޭ ކުޅުނު ފ. އަތޮޅުގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ބިލެތްދޫއާއި ދަރަނބޫދޫއެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިލަތްދޫއިންނެވެ.
އެ މެޗުގައި ބިލަތްދޫގެ ދެ ގޯލު ޖެހީ މުހައްމަދު ޒީދަން ޒުހުރީއެވެ. އަދި ދަރަނބޫދޫގެ ގޯލު ޖެހީ އަހުމަދު ރިފާއުއެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

ބިލަތްދޫއާއި ދަރަނބޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.