23 Feb 2023, 19:19
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާ އެކު ކޯލިޝަން ހެދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްޑީއޭއިން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ ވާދަނުކުރައްވަން ފެނިވަޑައިގަންނަވަން ހުށަހަޅުއްވައިފައެވެ.
ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަނުކޮށް، ކޯލިޝަނެއް ހަދައިގެން ކުރިއަށްދާން ނިންމައިފައެވެ.
އެހެންވެ، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީން ވަނީ ޝައުގުވެރިކަން ފާޅުކޮށް، ސިޓީއެއް ފޮނުވައިފައެވެ. ދެ ޕާޓީން މިއަދު ހަވީރު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
އެމްޑީއޭއާ އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވެސް މިއަދު ވަނީ އެ ޕާޓީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.
އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވީ މިއަދު ބޭއްވި މަޝްވަރާތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އެ ބައްދަލުވުންތަކުން އިތުރު ކަންކަން ސާފުވި ކަމަށެވެ.

ޕީޕީއެމްއިން މިއަދު އެމްޑީއޭއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީއޭ
އެގޮތުން، މިއަދު ބޮޑު ދެ ޕާޓީއާ އެކު ވެސް ބޭއްވި ބައްދަލުވުންތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ކޯލިޝަން ހެދުމާ މެދު އެ ޕާޓީން ގޮތެއް ނިންމާނީ ގައުމީ މަޖިލީހުގެ ޖަލްސާއަކުންނެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމްޑީއޭއާ އެކު ވަރަށް ކާމިޔާބު ކޯލިޝަނެއް ހެދިފައިވާ ކަމަށެވެ.
އެމްޑީއޭގެ ނައިބު ރައީސާ އާއިޝަތު ރަފިއްޔާ ވިދާޅުވީ އެމްޑީއޭއާ ބައްދަލުކުރަން ބޭނުން ކޮންމެ ބަޔަކާ ބައްދަލުކުރަން އެ ޕާޓީން އޮތީ ތައްޔާރަށް ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ މަސްރަޙް މިހާރު އޮތްގޮތުން އެމްޑީއޭއާ ނުލާ ވެރިކަން ކުރުން ދަތިވާނެ ކަމަށެވެ.