23 Feb 2023, 12:57
ހިޔާ ފްލެޓުތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން، ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީއިން ބުނީ ހިޔާ ފްލެޓުތަކުގައި ގަވާއިދާ ޙިލާފު އެކި ކަންކަން ކުރަމުންދާކަން އެޗްޑީސީއަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ފްލެޓުތަކުގައި އުޅޭ އެހެން ފަރާތްތަކަށް އުޅެން ދަތިވުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ.
ހިޔާ ފްލެޓުން ފެންމަތިވާ މައްސަލަތަކަށް ބަލާއިރު، ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުން، އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުން، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ހިމެނޭ ކަމުގައި އެޗްޑީސީ އިން ބުނެއެވެ.

ހިޔާ ފްލެޓެއްގެ އެޕާޓްމެންޓެއްގައި ވަޑާމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެޗްޑީސީ
އެޕާޓްމެންޓްތަކުގެ އިންޓީރިއާ ހެދުމަށްޓަކައި ވަޑާމުގެ މަސައްކަތް ކުރި ނަމަވެސް، އެފަދަ ކަންކަން ކުރަން ޖެހޭނީ އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެ ފަދައިންނެވެ.
އަދި ހިޔާ ފްލެޓުތަކުގެ އެޕާޓްމެންޓްތަކުގައި ވިޔަފާރިކުރުމަކީ މަނާކަމެކެވެ. ވިޔަފާރިކުރުމަށް ކޮންމެ ފްލެޓެއްގެ ވެސް އެންމެ ތިރީ ފަންގިފިލާ ވަނީ ޚާއްސަކުރެވިފައެވެ.
މީގެ އިތުރުން، އެ ފްލެޓްތަކުގެ ސްޓަރްޗާއަށް ބަދަލު ގެނައުމަކީ ވެސް މަނާކަމެކެވެ. ނަމަވެސް އެފަދަ ކަންކަން ވެސް ފާހަގަ ވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ހިޔާ ފްލެޓެއްގެ އެޕާޓްމެންޓެއްގައި ވަޑާމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެޗްޑީސީ
މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ޚާއްސަ އިންސްޕެކްޝަން ތަކެއް ކުރިއަށް ގެންދިޔުމަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ. އަދި އެކުންފުނިން ބުނީ އެ އިންސްޕެކްޝަން ތަކުން ފާހަގަވާ ކަންކަމަށް ބަލައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ.
އެޗްޑީސީއިން ދަނީ ހިޔާ ފްލެޓުތަކުގެ ޙާލަތުތައް ބެލުމަށް ދޭތެރެ ދޭތެރެއިން އެކި ކަހަލަ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ. މި ފަދަ އިންސްޕެކްޝަންތަކުގައި ފާހަގަވާ އެކި ކަންކަމަށް ޢާންމުންނަށް ނަސޭހަތްތެރިވި ނަމަވެސް، ބައެއް ޢާންމުންގެ ފަރާތުން އެހީތެރިކަން ނުލިބޭކަމަށް އެކުންފުނިން ބުނެއެވެ.