17 Apr 2012, 12:30
ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލްގައި ވާދަކުރާނެ ޕެއާތައް ކަށަވަރުވެއްޖެ އެވެ.
އާދީއްތަ ދުވަހު ފެށި މުބާރާތުގެ މިކްސްޑް ޑަބަލްސް ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އަބްދުﷲ އާދަމާއި އައިމިނަތް ނިފާޝާ ބަލިކުރުމަށްފަހު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އަހްމަދު ރަޝީދާއި އައިމިނަތް ވިޝާމާއެވެ. އަހްމަދު ރަޝީދު ވަނީ މި މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލުން ވެސް ޖާގަ ކަށަވަރުކޮށްފައެވެ. މިކްސްޑް ޑަބަލްސް ސެމީ ފައިނަލް ދެވަނަ މެޗުގައި އިސްމާއިލް އަޒްމީން އާއި އައިޝަތް ފައިނާޒް ބަލިކުރުމަށް ފަހު ސެމީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ އަލީ ނިޝާމަން ނިޒާރާއި އަފީފުއްނިސާއެވެ.
މި މުބާރާތުގައި މިއަދު ފެށުމަށް ހަމަޖެހިފައިވަނީ ފިރިހެން ސިންގަލްސް އިވެންޓާއި އަންހެން ސިންގަލްސް އިވެންޓުގެ މެޗުތަކެވެ.
މިއަދުގެ ކުޅުން މިރޭގެ މެޗުތަކުން ނިންމާލާއިރު ފިރިހެން ސިންގަލްސް އިވެންޓުގެ ކުއަރޓަރ ފައިނަލްގައި ވާދަކުރާނެ ކުޅުންތެރިން ކަށަވަރުވާނެއެވެ. އަދި އަންހެން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ވާދަކުރާނެ ކުޅުންތެރިންވެސް ކަށަވަރު ވާނެއެވެ.
ގަލޮޅު ބޯޅަ ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ މި މުބާރުތުގެ ކުޅިބެލުން ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. ކޮންމެ ދުވަހެއްގެ ހަވީރާއި އަދި ރޭނގަޑުގެ ވަގުތުތަކުގައި މުބާރާތުގެ މެޗެތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.