23 Feb 2023, 09:42
ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ލިސްޓުގައި ހިމެނޭ އާލިއާ ބަޓްގެ ހޫނު ބަހުގެ ހަމަލާތަކެއް، އިންޑިއާގައި މަޝްހޫރު މީހުންގެ ފޮޓޯތައް ނަގާ އުޅޭ ޕަޕަރާޒީންނަށް އަމާޒުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާލިއާ މިފަދަގޮތަކަށް މީޑިއާއާއި މުޚާތަބްކޮށްފައިވަނީ އިންޑިއާގެ ނޫހެއްކަމަށްވާ އީ-ޓައިމްސްއިން ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ފޮޓޯއަކާ ގުޅިގެންނެވެ. މިފޮޓޯއިން ފެންނަނީ އާލިއާ ގޭގައި ވަރަށް ހަމަޖެހިލައިގެން އެކަނި ވަގުތު ހޭދަކުރާ ތަނެވެ.
އާލިއާ ބުނެފައިވަނީ ސެލެބްރިޓީން ކަމުގައިވިޔަސް އަމިއްލަ މިނިވަންކަމެއް އޮންނަން ޖެހޭކަން ގަބޫލުކުރާކަމުގައެވެ. އަދި ނޫސްވެރިންނަށްވެސް އެމީހުންގެ ޙައްދު އެނގެންޖެހޭކަމުގައެވެ.
އީ-ޓައިމްސްއިން އާލިއާގެ ފޮޓޯ ނަގާފައިވަނީ އާލިއާގެ އަވަށްޓެރިއެއްގެ ގޭގެ ފުރާޅުމަތީގައި ތިބެގެންކަމަށާއި މިއީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށް ބަތަލާވަނީ ބުނެފައެވެ. އާލިއާ އާއި އެކްޓަރު ރަންބީރުގެ ކައިވެންޏަށްފަހު އާލިއާ މަންމައަކަށްވުމުން ދެ ތަރިންގެ ދަރިފުޅުގެ ފޮޓޯ ނެގުމަށްވެސް މީޑިއާއިންވަނީ ވަރަށްބޮޑަށް މަސައްކަތްކޮށްފައެވެ.
އެހެންނަމަވެސް ފަހުން ދެމަފިރިންވަނީ ނޫސްވެރިންގެ ފަރާތުން ދަރިފުޅުގެ ފޮޓޯ އެއްވެސްވަރަކަށް ނުނެގުމަށާއި ފޮޓޯ ޢާއްމުނުކުރުމަށް އެދިފައެވެ. އިއްޔެގެ ވަގުތެއްގައި އީ-ޓައިމްސްގެ ޕޯސްޓާ ގުޅިގެން އާލިއާކުރި ޕޯސްޓުގައި މުމްބާއީ ފުލުހުންގެ ނަންވެސްވަނީ ހިމަނާފައެވެ.
އާލިއާގެ މިނުރުހުމާއެކު ބޮލީވުޑްގެ ބައެއް ފަންނާނުންވެސްވަނީ މިއީ ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމުގައި ބުނެފައެވެ. އޭގެތެރޭގައި އާލިއާގެ އެންމެ ގާތް މީހުންގެތެރޭގައި ހިމެނޭ ކަރަން ޖޯހަރުއާއި އަނުޝްކާ ޝަރުމާއާއި އަރުޖުން ކަޕޫރު ހިމެނެއެވެ.
ފިލްމީ ދާއިރާއަށް ތަޢާރަފުވުމުގެ ކުރިންވެސް އާލިއާއަކީ، މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު މީހެކެވެ. ވަރަށް ހަގު ޢުމުރުގައި ފިލްމީ ކެރިއަރުގައި ލިބުނު ކާމިޔާބީއާއެކު އޭނާ ވެފައިވަނީ އިންޑިއާގެ އިތުރުން ބޭރުގެ މީޑިއާތަކުގެ ސަމާލުކަންވެސް ހޯދާފައިވާ ފަންނާނަކަށެވެ. އާލިއާއަށް މީޑިއާގެ ފަރާތުންނާއި ޚާއްޞަކޮށް ޕަޕަރާޒީންގެ ފަރާތުން ލިބެމުން އަންނަ ސަމާލުކަމާއެކު ދަރިފުޅު ޕަޕަރާޒީންގެ ފަރާތުން ސަލާމަތްކޮށްގެން ގެންގުޅުމަކީ އެ ޢާއިލާއިން މިހާރު އެންމެބޮޑަށް އިސްކަންދޭ އެއްކަމެވެ.