ބޮލީވުޑްގެ އެކްޝަން އެކްޓަރު ޓައިގާ ޝްރޮފްގެ ކުރިއަށްއޮތް ފިލްމު "ގަންޕަތް -ޕާޓް1" ރިލީޒްކުރުން މިއަހަރުގެ އޮކްޓޯބަރު މަހަށް ފަސްކޮށްފިއެވެ.

އަމީތާބް ބައްޗަންގެ އިތުރުން ކްރިތީ ސެނޮން މުހިއްމު ރޯލްތަކުން ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ކުރިން ތާވަލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށެވެ. އާ ތާރީޚާއެކު ފިލްމު ރިލީޒްކުރުމަށް މިހާރު ނިންމާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހުއެވެ.

އިންޑިއާގައި ފާހަގަކުރާ ދުސޭރާ ފެސްޓިވަލްއާ ދިމާކޮށް ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުރުޞަތު ހޯދައިދިނުމަށެވެ.

ފަސް ބަހުރުވަޔަކުން ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު ބެލުންތެރިންނަށް ޓައިގާގެ ވަރުގަދަ އެކްޝަން ސީންތަކެއް އެ ފިލްމުން ފެންނާނެއެވެ. ޕޫޖާ އެންޓަޓެއިންމަންޓްއިން ގެނެސްދޭ މިފިލްމު ޑައިރެކްޓްކުރަނީ ހުނަރުވެރި ޑައިރެކްޓަރު ވިކާސް ބަލްއެވެ. ފިލްމުގައި ޕްރޮޑިއުސަރުންތަކެއް މަސައްކަތްކޮށްފައިވާއިރު އޭގެތެރޭގައި އަރަމުން އަންނަ ފިލްމު ޕްރޮޑިއުސަރު ޖެކީ ބަގްނާނީވެސް ހިމެނެއެވެ.

ފިލްމާބެހޭގޮތުން ޖެކީ ބަގްނާނީ ބުނެފައިވަނީ އަބަދުވެސް މިފިލްމަކީ ބެލުންތެރިންނަށް ގެނެސްދޭން ބޭނުންވި ފިލްމެއްކަމަށެވެ. މިފަހަރުގެ ފިލްމުގައި ގެނެސްދޭ ވާހަކަ ވަރަށް ތަފާތު ވާނެކަމަށާއި ބެލުންތެރިންގެ ފަރާތުން އަންނަ ފާޑުކިޔުންތަކަށްވެސް ފިލްމުގެ ޓީމުން މަރުޙަބާ ކިޔާނެކަމަށް ޒުވާން ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

މިފިލްމަކީ، އަމީތާބް ބައްޗަންއާއެކު ޓައިގާ ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ޓައިގާ ޝްރޮފް އެންމެފަހުން ފެނުނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ހީރޯ ޕަންތީ 2"އިންނެވެ. ޓައިގާ މަސައްކަތްކުރަމުންދާ އިތުރު ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭގައި، "ބަޅޭ މިޔާން ޗޯޓޭ މިޔާން" އަދި ޖަގަން ޝަކްތީގެ ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމެއް ހިމެނެއެވެ.