23 Feb 2023, 09:11
އެކްޓަރު ސައިފް ޢަލީ ޚާން އާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް ޢަލީ ޚާން ހިންދީ ސިނަމާއަށް ތައާރަފުވާ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.
ދަރްމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ މި ފިލްމަކީ، ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ، އެކްޓަރު ބޮމަން އިރާނީގެ ފިރިހެން ދަރިފުޅު ކަޔޯޒީ އިރާނީއެވެ. ކަޔޯޒީއަކީ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ފަންނާނެކެވެ.
ސައިފް ޢަލީ ޚާންގެ ޒުވާން ދުވަސްވަރުގެ ހަނދާންތައް އިބްރާހިމް ފެނުމުން އާވާ ވާހަކައަކީ އިބްރާހިމްގެ ސޯޝަލް މީޑިއާގެ ފޮލޯވަރުންނަށް އާ ވާހަކައެއް ނޫނެވެ. އިބްރާހިމްގެ ބޮލީވުޑަށް ތަޢާރަފުވާ މިފިލްމާއެކު ގިނަ ބަޔަކަށް ސައިފްގެ ކުރީގެ ފިލްމުތަކުގެ ހަނދާންތައް އާވުމަކީ ވަރަށް ގާތް ކަމެކެވެ.
އިންޑިއާގެ މަނާލީގައި މިފިލްމުގެ ބޮޑު ބައެއް ޝޫޓްކުރުމުގެ ތައްޔާރީތައް މިހާރު ވަނީ ފެށިފައެވެ. އިބްރާހިމް ސިފައިންގެ މީހެއްގެ ރޯލްއިން ފެނިގެންދާ މިފިލްމާ ބެހޭ މާގިނަ މަޢުލޫމާތު ޕްރޮޑަކްޝަން ކުންފުނިން ހާމައެއް ނުކުރެއެވެ. އަދި އިބްރާހިމްއާއެކު ފިލްމުގައި ފެންނާނީ ކޮން ބަތަލާއެއްކަންވެސް ހާމަކޮށްފައެއް ނުވެއެވެ.
ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ އިބްރާހީމްގެ އަލަތު ފިލްމަށް ވޭތުވެދިޔަ ހަ މަސް ތެރޭގައި އޭނާ ދިޔައީ ތައްޔާރުވަމުންނެވެ. އަދި އިބްރާހީމަކީ ބައްޕަ ސައިފްއާއި އަޅާކިޔާއިރު މަސައްކަތް ވަރަށް ސީރިއަސްކޮށް ނަގާ އެކްޓަރެއް ކަމަށް ޕްރޮޑަކްޝަން ޓީމުންވަނީ ފާހަގަކޮށްފައެވެ.
ފިލްމުގައި ފެންނަ ސިފައިންގެ މީހާގެ ރޯލަށް އިބްރާހީމް ވަނީ ޚާއްޞަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އިބްރާހިމް ދަރްމާ ކުންފުނިން ފިލްމީ ދާއިރާއަށް ތަޢާރަފްވާއިރު ސައިފްގެ ދޮށީ ދަރިފުޅު ސާރާ ޢަލީ ޚާން ފިލްމީ ދާއިރާއަށް ނުކުތީ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ ފިލްމު "ކެދަރުނާތް"އިންނެވެ. އިބްރާހިމްއެކޭ އެއްގޮތަށް ސާރާވެސް އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ލޯންޗުކުރަން ނިންމީ ދަރްމާއިންނެވެ. ނަމަވެސް ކަރަންއަށް އެދުވަސްކޮޅު ފިލްމެއް އުފެއްދުމަށް ދަތިވުމުން ސާރާ ޚިޔާރުކުރީ "ކެދަރްނާތް"އިން ފިލްމީ ދާއިރާއަށް ނުކުތުމަށެވެ.