ވެރިކަން ބަދަލުވި ގޮތް ދެނެގަތުމަށާއި ފެބުރުއަރީ ހަތެއްގެ ކުރިން ހިނގައި ދިޔަ ހާދިސާތައް ތަހުގީގު ކުރަން އެކުލަވައިލި އިންކުއަރީ ކޮމިޝަން މިނިވަން ނޫން ކަމަށް ކޮމަންވެލްތުން ބުނި ބުނުމާ މެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ސަން އޮން ލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮމަން ވެލްތުން ރޭ ނެރުނު ރިޕޯޓާ މެދު އަދި އެއްޗެއް ދަންނަވަން އަވަސް ކަމަށާއި ސަރުކާރު މިވަގުތު އޮތީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ރާއްޖެ އަށް މިއަދު ކުރައްވާ ރަސްމީ ދަތުރުފުޅަށް ވިސްނައިގެން ކަމަށެވެ. ސީމެގްފެ ރިޕޯޓާ ގުޅިގެން ސަރުކާރުން އެއްޗެއް ބުނާނީ ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

ނަމަވެސް އައްބާސް ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބާއްވާ ޕްރެސް ކޮންފަރެންސެއްގައި ސީމެގުގެ ރިޕޯޓާ ގުޅިގެން ވާހަކަފުޅު ދައްކަވާފާނެ ކަމަށް ބެލެވޭ ކަމަށެވެ.


"މިއަދު އަޅުގަނޑުމެންނަށް އެންމެ މުހިންމުކަމަކީ ފަލަސްތީނުގެ ރައީސް ކުރައްވާ ޒިޔާރަތް. މިވަގުތު ސަރުކާރުގެ އެއްވެސް ކޮމެންޓެއް ނެތް އެކަމާ ގުޅޭ ގޮތުން، އަދިއެއް ނެތް،" އައްބާސް ވިދާޅުވި އެވެ.

ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާއި ޖެނުއަރީ 14، 2012 އިން ފެށިގެން ރާއްޖޭގައި ހިނގި ކަންތައްތައް ތަހުގީގުކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަނަކީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި ކޮމިޝަން އެކުލަވައިލުން ބަދަލު ކުރަން ޖެހޭ ކަމަށް ކޮމަންވެލްތުން ރޭނެރުނު ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އިއްޔެ ލަންޑަންގައި އޮތް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އިން އެކަށީގެންވާ ސަޕޯޓް ހޯދުމުގައި އެ ކޮމިޝަން ފޭލްވެފައިވާ ކަމަށެވެ. އަދި އެ ކޮމިޝަން މިނިވަން ތަނަކަށް ހަދަން ކޮމިޝަންގެ އެކުލަވައިލުމަށް ބަދަލު ގެނައުމަށާއި ކޮމިޝަނަށް މައުލޫމާތު ހޯދާ ފަރާތްތައް މިހާރުން މިހާރަށް ބަދަލުކުރުމަށް ގޮވާލާ ކަމަށެވެ.