22 Feb 2023, 23:26
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ކޯލިޝަންގެ މަޝްވަރާތައް ކުރުމަށް އެމްޑީޕީއާ މާދަމާ ބައްދަލުކުރަން ނިންމައިފިއެވެ.
އެމްޑީއޭގެ އޮފީހުގައި މާދަމާ މެންދުރު 12ޖަހާއިރު ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވާނީ އެމްޑީއޭގެ ކޯލިޝަން ކޮމިޓީގެ މެމްބަރުންނާއި އެމްޑީޕީގެ ފަރާތުން ބައިވެރިވާ މެމްބަރުންނެވެ.
އެގޮތުން މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ބައިވެރިވާގޮތައް ވަނީ ހަމަޖެހިފައެވެ. އެމްޑީއޭއިން ބައިވެރިވާނީ އެ ޕާޓީގެ ކޯލިޝަން ކޮމިޓީގެ ޗެއާ އަދި ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފައި ޑެޕިއުޓީ ޗެއާ، ނައިބު ރައީސާ އައިޝަތު ރަފިއްޔާއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަނުކުރެއްވުމަށް ނިންމެވުމާއެކު އެޕާޓީން ވަނީ ކޯލިޝަނަކާއެކު ކުރިއަށް ދިއުމަށް ނިންމާފައެވެ.
އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރިނަމަވެސް އެހެން ޕާޓީތަކާ އެކުވެސް ކޯލިޝަން ހެދުމަށް މަޝްވަރާކުރާނެކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.