އިންޑިއަން އައިޑަލް އިން ވިދާލި މަޝްހޫރު ތަރިންކަމަށްވާ ޕަވަންދީޕް ރަޖަން އާއި އަރުނީތާ ކަންޖީލާލް ރާއްޖޭގައި އަންނަ މަހުގެ ތިންވަނަ ދުވަހު ޝޯއެއް ދޭން ނިންމައިފައިވާކަން އިއުލާންކޮށްފިއެވެ.

އެ ޝޯ ބާއްވަނީ، އިންޑިއާ އާއި ރާއްޖޭގެ ފަންނާނުން ބައިވެރިވާ ޓުއަނިވަލް ހަރަކާތުގެ ތެރެއިންނެވެ. އެއީ އިންޑިއާގެ އެނިޔެލްޕް އެންޓަޓެއިންމެންޓްސް އިން ބާއްވާ ހަރަކާތްތަކެކެވެ.

މި ކަމާ ގުޅޭގޮތުން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓުއަނިވަލްގެ ކޯފައުންޑަރު މުހައްމަދު ޒާކިރު ހުސައިން ވިދާޅުވީ މިއުޒިކަލް އައިޑަލްގެ ނަމުގައި އޮންނަ މި ހަރަކާތަކީ މީގެ ކުރިން ވެސް ބޭއްވި ވަރަށް ކާމިޔާބު ހަރަކާތެއްކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ލަވަކިޔުންތެރިންނަށް އޮންނަ މަގުބޫލުކަން ފާހަގަކުރެވޭ ކަމަށާއި އިންޑިއާގެ ލަވަ ކިޔުންތެރިންގެ ލަވަތަކަށް އޮންނަ ޑިމާންޑު ވެސް ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިއުޒިކަލް އައިޑަލްގެ ނަމުގައި އޮންނަ މި ޝޯއަކީ އިންޑިއާގެ ދެ ތަރިންނާއެކު ދިވެހިންނަށް ޚާއްސަ ކުރާ ހަރަކާތެއްކަމަށް ޒާކިރު ވިދާޅުވިއެވެ.

މި ޝޯގައި ދިވެހި ދެ ފަންނާނުންކަމަށްވާ ޝަލަބީ އިބްރާހީމާއި، ރާފިޔަތު ރަމީޒާ ވެސް ލަވަ ހުށަހަޅާނެއެވެ.

"މިއީ ހަމައެކަނި ކުޑަކުޑަ ހަރަކާތެއް، ކޮންސަޓެއް ނޫން. މި ޝޯ ވެގެންދާނީ މުޅިން މުނިފޫހިފިލުވުމުގެ ޚާއްސަ ބޮޑު ޝޯއަކަަށް. ތިން ގަޑިއިރާ ބައި ނުވަތަ ހަތަރު ގަޑިއިރުގެ ޝޯއަކަށް މި ޝޯވާނީ. ދެން ހިތަށް އަރައިފާނެ އެ ތިނެއް ނުވަތަ ހަތަރު ގަޑިއިރު ކީއްބާއޭ ކުރާނީ. އެ ތަނުގައި ހަމަ ކެފޭތަކާއި، ކެންޓީނުތަކާއެކު އެކި ޚިދުމަތްތައް ލިބޭނެ،" ޒާކިރު ވިދާޅުވިއެވެ.

ޒާކިރު ވިދާޅުވީ މި ހަރަކާތަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.

މި ޝޯއަަށް ވަދެވޭނީ ޓިކެޓު ނަގައިގެންނެވެ. އެކި ބާވަތުގެ ޓިކެޓު ހުރެއެވެ. އެގޮތުން އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ 80 ރުފިޔާއެވެ. ވިޔަފާރިއަކަށް ނުވަތަ މަތީ ފެންވަރުގެ ޓިކެޓެއްގެ އަގަކީ 150 ރުފިޔާއެވެ. ވީއައިޕީ ޕެކޭޖެއް ވެސް ހިމެނެއެވެ. އެ ޕެކޭޖު ނެގުމުން ތަރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެއެވެ.

ޓިކެޓު މިހާރު މޫލީ މެދުވެރިކޮށް ގަނެވެން ހުންނާނެއެވެ. ހަމައެއާއެކު ސޮލައިޓް ރެސްޓޯރަންޓުންނާއި މަންހަންޓަން ރެސްޓޯރެންޓުން ވެސް ޓިކެޓު ގަންނަން ލިބޭނެއެވެ.

މި ހަރަކާތް ސްޕޮންސަރުކޮށް، އެ ތަނުގައި ކެންޓީނުގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް އެކަމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ.

މި ހަރަކާތް އިންތިޒާމުކުރުމުގައި ޔޫތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ވެސް ބައިވެރިވެއެވެ.