މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވައި، ކޯލިޝަނެއް ހެދުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ މިހާރު ރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ ހާލަތަށް ރިޢާޔަތްކޮށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރާން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެ ޖަލްސާއާ ގުޅިގެން އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ސިޔާމް ނިންމެވީ ސިޔާސީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދިވެސް ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހުގައި މިއީ އިންތިޚާބުގައި ވާދަކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ހުރިހާ މެންބަރުން ވެސް އެ ނިންމެވުމަށް ތާއީދު ކުރެއްވި ކަމަށެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި ކޯލިޝަނެއް ހެދުމަށް ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. އެކަމަކު، ކޯލިޝަން ހަދާނެ ވަކި ޕާޓީއެއް މިހާތަނަށް ނިންމާފައެއް ނުވެއެވެ.

މައުރޫފް ވިދާޅުވީ ކޯލިޝަން ހެދުމުގެ ދައުވަތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެސް ފޮނުއްވާފައިވާ ކަމަށާއި އަދި އިތުރު ޕާޓީތަކުން ވެސް ސިޔާމަށް ފޯނުން ގުޅުއްވާ ކޯލިޝަން ހެދުމުގެ ދައުވަތު އަރުވަމުން ގެންދާ ކަމަށެވެ.

އެހެންވެ، އެ ޕާޓީން ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމުމަށް، ކޯލިޝަން ދައުވަތުތައް ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ކޮމެޓީއެއް އުފެއްދުމަށް ވެސް މިއަދުގެ ޖަލްސާއިން ވަނީ ނިންމައިފައެވެ.

އެއަށް ފަހުގައި ކޯލިޝަން ހެދުމާ ބެހޭ އިތުރު ނިންމުންތައް ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާނެއެވެ. އެމްޑީއޭގެ ގައުމީ މަޖިލީހުގެ އިތުރު ޖަލްސާއެއް ހުކުރު ދުވަހު ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.