17 Apr 2012, 11:28
ދަރުބާރުގޭގައި މަސައްކަތްކުރާ ސިޓީ ކައުންސިލްގެ މުވައްޒަފުން ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިޔުމުން ސިޓީ ކައުންސިލުން ދަރުބާރުގޭގައި ތަޅުއަޅުވައި އެތާންގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ މިނިސްޓްރީ ދަށުގައި ތިބި މުވައްޒަފުން ދަރުބާރުގެއަށް މަސައްކަތު ނުކުތުމުން އެމީހުން ގެއަށް ފޮނުވާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ސިވިލްސާވިސް ކޮމިޝަނާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބުނީ ސިޓީ ކައުންސިލްގައި ތިއްބަވާ ކައުންސިލަރުން އަމުރުކޮށްގެން އެތާ [ދަރުބާރުގޭގައި] ހުރި ބޭފުޅަކު ހިންގި ކަމެއް ކަމަށް އެއީ. އެއީ ކަނޑައެޅިގެން ގަވާއިދާ ހިލާފަށް ހިނގި ކަމެއް. ދެން އަޅުގަނޑުމެންނާއި ސިވިލްސާވިސް ކޮމިޝަނާއި ގުޅިގެން އެ މައްސަލަ އެބަ ބަލަން." މިނިސްޓަރު ވިދާޅުވި އެވެ.
ސަންގެ ނޫސްވެރިން މިއަދު ދަރުބާރުގެއަށް ދިޔައިރު އެ ތަނަށް ވަންނަން ހުރި މައި ދޮރު ހުރީ ބަންުކޮށް ތަޅުލާފަ އެވެ. ދަރުބާރުގޭ ތެރެއިން ވެސް މީހެއްގެ ހިލަމެއް ވެސް ނުވެ އެވެ.
މާލޭ ސިޓީ ކައުސިލްގެ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ދަރުބާރުގެ އަކީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ތަނެއް ކަމަށާއި ހައުސިން މިނިސްޓްރީގެ ދަށުގައި ތިބި މުވައްޒަފުން ސިޓީ ކައުންސިލްގެ ދަށުގައި އޮތް ދަރުބާރުގޭގައި މަސައްކަތް ކުރަން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އޮތް ތަނެއްގައި މިނިސްޓްރީގެ މަސައްކަތް ކުރަން ޖެހޭނެ ކަމަކަށް. އެކަން އެއީ ސިޔާސީ ކޯޅުމެއްގެ ތެރޭން. އެކަން ކުރަނީ އެންމެ ރަނގަޅު ގޮތުގައިނޫން،" ސުޖާއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރުބާރުގެ މުވައްޒަފުން ހައުސިން މިނިސްޓްރީ އަށް ބަދަލުކުރީ ގަވާއިދާ އެއްގޮތަށް ދަރުބާރުގެ ހައުންސިން މިނިސްޓްރީގެ ދަށަށް ގެނައުމަށް ފަހުގައި ކަމަށެވެ.
"ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އަޅުގަނޑުމެންގެ ދަށަށް ބަދަލުކޮށްފައި ހުރި ތަނެއް [ދަރުބާރުގެ އަކީ]. އެތާ މުވައްޒަފުން ވެސް ވަނީ ސިވިލް ސާވީސްގެ ފަރާތުން ރަސްމީކޮށް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި. މުވައްޒަފުންގެ ބަޖެޓް ވެސް ފިނޭންސް އިން އަޅުގަނޑުމެންގެ ދަށަށް ބަދަލު ކުރުމުގެ ކަންކަން ހަމަޖެހެމުން އެދަނީ." މިނިސްޓަރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބުނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރީ އެތާ ތިބި ބައެއް މުވައްޒަފުން ކަމަށެވެ.