23 Feb 2023, 08:51
ބީއެމްއެލްގައި މީހަކު ހުޅުވާފައިވާ އެކައުންޓަކުން އެއް މިލިއަން ރުފިޔާ ގެއްލުނު ކަމަށް ބުނެ ފަތުރާ ވާހަކަތައް އެ ބޭންކުން މިއަދު ދޮގުކޮށްފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެއިން ބޭރުގައި ހުރި ދިވެހި ވިޔަފާރިވެރިއެއްގެ އެކައުންޓުން އެއް މިލިއަން ރުފިޔާގެ ސްކޭމެއް ހިންގައި އެކައުންޓް ހުސްކޮށްލީ އެތައް ބައެއްގެ އެކައުންޓަށް ޓްރާންސްފާކޮށްގެންނެވެ. އަދި މާލޭގެ ގިނަ ފިހާރަތަކަކުން ވިޔަފާރި ވެސް ކޮށްފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
އެ މައްސަލަ އެކައުންޓުގެ ވެރިފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.
އެ ޚަބަރާ ގުޅިގެން ބީއެމްއެލުން ޓްވީޓް މެދުވެރިކޮށް ބުނެފައިވަނީ އެ ނޫހުގައި ޝާއިއުކުރި ޚަބަރަކީ ދޮގު ޚަބަރެއް ކަމަށާއި އެހެންވެގެން އެ ބޭންކުން އެދެނީ މީޑިއާ އިން ޒިންމާދާރުކަމާއެކު ޚަބަރު ގެނެސްދިނުމަށް ކަމަށެވެ.
"ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައި މިވަނީ ދޮގު މައުލޫމާތު. މި ބޭންކުން އެދެނީ މީޑިއާ އިން ޒިންމާދާރުކަމާއެކު ޚަބަރު ގެނެސްދިނުމަށް،" ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ބޭންކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ބޭންކުގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މަޢުލޫމާތެއް އާންމުވެފައި ނުވާނެ ކަމަށެވެ. އަދި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ބީއެމްއެލުން މިހާރު ވަނީ މޮބައިލް ވޮލެޓްގެ ކިއުއާރު ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތްތައް ލިމިޓްކޮށް ކިއުއާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމަށް ހަމަޖައްސާފައެވެ. އޭގެ އިތުރުން ކިއުއާރު ބޭނުން ކޮށްގެން މޮބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތް ކަމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ.