މިހާތަނަށް އުފެދުނު އެންމެ ބޮޑު ކޭޕޮޕް ގްރޫޕް "ބީޓީއެސް"ގެ މެމްބަރު ޖިމިންގެ ފުރަތަމަ އަލްބަމް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ބީޓީއެސް މެމްބަރުން ގްރޫޕުން ބްރޭކެއް ނަގައި ގިނަ މެމްބަރުން ދަނީ އަމިއްލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގްރޫޕުގެ އެންމެ ދޮށީ މެމްބަރު ޖިން އަސްކަރީ ހިދުމަތަށް ދިޔުމާ ގުޅިގެން ގްރޫޕުގެ އެހެން މެމްބަރުން އަންނަނީ އަމިއްލަ މިއުޒިކް ނެރެމުންނެވެ.

ބީޓީއެސް ހިންގާ ކުންފުނި "ބިގް ހިޓް މިއުޒިކް"އިން ބުނެފައިވަނީ ޖިމިންގެ ސޯލޯ އަލްބަމްގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 24 ގައި އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މި އަލްބަމްގެ ޓީޒަރެއް ވަނީ ބިގް ހިޓުން ނެރެފައެވެ. މައުލޫމާތު ލިބޭގޮތުގައި ވަރަށް އަވަހަށް އަލްބަމުން ސިންގަލް އެއް ނެރޭނެއެވެ.

ޖިމިންގެ އިތުރުން ގްރޫޕު މެމްބަރު ޝުގާ އަންނަނީ އޭނާގެ އަމިއްލަ ސިންގަލްތައް ނެރެމުންނެވެ. އަދި މިއަހަރުގެ ޖުލައި މަހުގައި ޝުގާ ޓުއާއަކަށް ދިޔުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ބީޓީއެސް ބްރޭކަކަށް ދިޔައީ ދެކުނު ކޮރެއާގައި އަސްކަރިއްޔާގައި ހިދުމަތް ކުރުމަކީ މަޖޫބުރު ކަމަކަށް ވާތީ އެކަމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެގޮތުން އެންމެ ފުރަތަމަ ޚިދުމަތް ފެށީ ޖިންއެވެ. އެއަށްފަހު އެހެން މެމްބަރުން ވެސް އަސްކަރިއްޔާއާ ގުޅި، ޚިދުމަތް ނިންމުމަށްފަހު އަލުން ދެން ބޭންޑު އެއްކޮށް ފެންނާނީ 2025 ގައެވެ. ނަމަވެސް ދެން އަސްކަރިއްޔާއާ ގުޅޭނީ ކޮން މެމްބަރެއް، ކޮން ތާރީޚެއްގައި ކަމެއް އަދި ހާމަކޮށްފައިނުވެއެވެ.