17 Apr 2012, 10:56
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ މައުލޫމާތު ދެއްވުމަށް އެމަނިކުފާން އިންޑިޔާ އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
އެމްޑީޕީ އިން ބުނީ ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ފެބްރުއަރީ 7 ވަނަ ދުވަހު ހިނގައި ދިޔަ ކަންތައްތަކާއި ވެރިކަން ބަދަލުވި ގޮތުގެ މައުލޫމާތު އިންޑިޔާގެ އެކިއެކި ސިޔާސީ އިސް ފަރަތާތްތަކާއި މީޑިޔާގެ ފަރާތްތަކާ ބައްދަލުކުރައްވައި ރައީސް ނަޝީދު އެފަރާތްތަކަށް ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުންނާއި ސިޔާސީ މަޝްރަހު ފިނިކުރުމަށް ކުރެވިދާނެ ކަންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ވެސް ބުންޏެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން އިންޑިޔާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ނަޝީދު މިއަދު ފުރާވަޑައިގެންނެވި އިރު އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު ވަހީދު ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު އިންޑިޔާ އަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.