ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް، ބިޒްނަސް ޕްރޮފިޓް ޓެކްސް ދެއްކުމުގެ މުއްދަތު ޖޫން 30 އާ ހަމައަށް އިތުރުކޮށްދީފި އެވެ.

ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގައި ބުނެފައި ވަނީ ކުންފުންޏެއް ނޫނީ ވިޔަފާރިއެއް ނަމަ ޓެކްސްގެ ބަޔާން މީރާ އަށް ހުށަހަޅަން ޖެހޭނީ ކޮންމެ އަހަރެއްގެ ވެސް ޓެކްސް ހިސާބު ކުރާ މުއްދަތު ނިމޭތާ ހަ މަސް ހަ މަސް ފަހުން ކަމަށެވެ. އަދި އަމިއްލަ ފަރުދުން ޓެކްސްގެ ބަޔާން ހުށަހަޅަން ޖެހޭނީ ކޮންމެ އަހަރެއްގެ ޖޫން 30 ގެ ކުރިން ކަމަށް ވެސް ބަޔާކޮށްފައިވެ އެވެ.

މީރާ އިން ބުނީ އެ އޮތޯރިޓީ އަށް ލިބިފައިވާ ބާރުގެ ދަށުން ހުރިހާ ފަރާތަކުން ޓެކްސްގެ ބަޔާން ދައްކަން ޖެހޭ އެންމެ ފަހުގެ މުއްދަތަކީ ޖޫން 30 ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސް ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނީ މިއީ އެ ޓެކްސް ދައްކާ ފުރަތަމަ ފަހަރު ކަމަށްވާތީ ހުރިހާ ފަރާތްތަކުންވެސް ޓެކްސް ދައްކަން އެއް މުދަތެއް ކަޑައެޅުމުގެ ގޮތުން ކަމަށެވެ.

ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ނަގަނީ އަހަރަކު ލިބޭ ފައިދާ ފަސް ލައްކައަށް ވުރެ އިތުރުވާ ނަމަ، އެ އިތުރުވާ މިންވަރަކުން 15 ޕަސެންޓެވެ.