22 Feb 2023, 15:16
މޮސްކޯ (22 ފެބްރުއަރީ 2023): ނިއުކްލިޔާ ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭގޮތުން އެމެރިކާއާއި ރަޝިއާ ސޮއިކޮށްފައިވާ އެންމެ މުހިއްމު މުއާހަދާ ކަމަށްވާ "ނިއު ސްޓާޓް" މުއާހަދާއިން ވަގުތީ ގޮތުން ވަކިވިކަން ރަޝިއާ އިއުލާނުކޮށްފިއެވެ.
މި މުއާހަދާއިން ރަޝިއާ ވަގުތީގޮތުން ވަކިވިކަން އިއުލާނުކުރައްވަމުން ރައީސް ވްލަދިމީރު ޕޫޓިން ވިދާޅުވީ އެމެރިކާ ގެންދަނީ ނޭޓޯގެ ގައުމުތަކާއެކު ރަޝިއާގެ ސްޓްރެޓީޖިކް ވައިގެ ބޭސްތަކަށް ހަމަލާދިނުމަށް ރާވައި ޔުކްރެއިން ހަނގުރާމައިގައި ސީދާގޮތެއްގައި ބައިވެރިވަމުން ކަމަށާއި މިއީ ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް ކަމަށެވެ. މިހާލަތުގައި ނިއު ސްޓާޓް މުއާހަދާގައިވާ ގޮތަށް ރަޝިއާގެ ނިއުކްލިޔާ ބާރުތައް ވަކިވަރެއްގައި ހިފަހައްޓައި އެބާރުތައް ކޮންޓްރޯލްކޮށްގެން ރަޝިއާއަށް ނޯވެވޭނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

އެމެރިކާގެ ނިއުކްލިޔާ މިސައިލް
"ނިއު ސްޓާޓް" މުއާހަދާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ދެ ބާރު ކަމަށްވާ ރަޝިއާއާއި އެމެރިކާއިން ނިއުކްލިޔާ ހަތިޔާރު (ވޯހެޑް) އުފެއްދުން ކޮންޓްރޯލް ކުރުމަށްޓަކައި 2010 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއާއި ރަޝިއާގެ އޭރުގެ ރައީސް ޑިމިޓްރީ މިޑްވެވޭޑް ސޮއިކުރެއްވި މުއާހަދާއެކެވެ.
މި މުއާހަދާގެ އަސްލު ނަމަކީ "މެޝާސް ޓު ފާދާ ރިޑިއުސް އެންޑް ލިމިޓް ސްޓްރެޓީޖިކް އޮފެންސިވް ވެޕަންސް" ނުވަތަ "ހަމަލާދޭބާވަތުގެ ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރު އުފެއްދުން އިތުރަށް މަދުކޮށް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ކަންކަންކުރުން" އެވެ.
ދެހާސް އެގާރަ ވަނަ އަހަރު، އެމެރިކާގެ ކޮންގްރެސްއާއި ރަޝިއާގެ ގާނޫނު ހަދާ މަޖިލިސްކަމަށްވާ "ދޫމާ" އިން ވަނީ މި މުއާހަދާ ތަސްދީގުކޮށްފައެވެ. އެއާއެކު 2011 ވަނަ އަހަރު ވަނީ މި މުއާހަދާ ތަންފީޒުކުރުމުގެ މަރުހަލާ ފެށިފައެވެ. މިއީ 10 އަހަރު ދުވަހުގެ މުއާހަދާއެކެވެ.
ދެހާސް އެކާވީހުގައި މިމުއާހަދާގެ މުއްދަތު ހަމަވުމުން އެއަހަރު އެމެރިކާއާއި ރަޝިއާވަނީ އިތުރު ފަސް އަހަރަށް މިމުއާހަދާގެ މުއްދަތު އިތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރަޝިއާގެ ނިއުކްލިޔާ މިސައިލް
"ނިއު ސްޓާޓް" މުއާހަދާއަކީ ހަމަލާދޭބާވަތުގެ ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރު މަދުކުރުމަށް 2002 ވަނަ އަހަރު އެމެރިކާއާއި ރަޝިއާ އާ ދެމެދު ސޮއިކުރި "ސްޓްރެޓީޖިކް އޮފެންސިވް ރިޑަކްޝަން ޓްރިޓީ" މުއާހަދާގެ ބަދަލުގައި ވުޖޫދަށް ގެނައި މުއާހަދާއެކެވެ. "ނިއު ސްޓާޓް" މުއާހަދާއަށް އަމަލުކުރަން ފެށުމާއެކު "ސްޓްރެޓީޖިކް އޮފެންސިވް ރިޑަކްޝަން ޓްރިޓީ" މުއާހަދާ ވަނީ އުވާލާފައެވެ.
އެހެންކަމުން ދުނިޔޭގެ ނިއުކްލިޔާ ބޮޑު ދެބާރުކަމަށްވާ އެމެރިކާއާއި ރަޝިއާއާ ދެމެދު ނިއުކްލިޔާ ހަތިޔާރު ކޮންޓްރޯލް ކުރުމަށް މިހާރު އޮތް ހަމައެކަނި މުއާހަދާއަކީ "ނިއު ސްޓާޓް" މުއާހަދާއެވެ.
މި މުއާހަދާގައިވާ ގޮތުން ނިއުކްލިޔާ ހަތިޔާރު އުފެއްދުން ކޮންޓްރޯލް ކުރުމަށްޓަކައި އެމެރިކާއާއި ރަޝިއާ ގުޅިގެން އުފައްދާފައިވާ އިންސްޕެކްޓަރުންގެ ކޮމީޓީގެ މެންބަރުންނަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވެއެވެ. މީގެތެރޭގައި އެމެރިކާއާއި ރަޝިއާގެ ނިއުކްލިޔާ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަން ބަލައި ފާސްކޮށް ނިއުކްލިޔާ ހަތިޔާރު އިތުރަށް އުފައްދަން މަސައްކަތްނުކުރާކަން ބަލައި ފާސްކޮށް މޮނިޓާ ކުރުމުގެ ބާރު މިކޮމިޓީގެ މެންބަރުންނަށް ލިބިދިނުން ހިމެނެއެވެ.
ނަމަވެސް އެމެރިކާއިން ރަޝިއާއަށް އަމާޒުކޮށް ނޭޓޯ ފުޅާކުރަން ފެށުމާއި އެކަމުގެ ރައްދެއްގެ ގޮތުން ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ހަނގުރާމަ ފެށުމާއެކު އެމެރިކާއާއި ރަޝިއާގެ ގުޅުންތައް ވަނީ ގޯސްވެފައެވެ. މިއާއެކު އިނިސްޕެކްޓަރުންގެ ކޮމިޓީގެ މެންބަރުންގެ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.
ދުނިޔޭގައިވާ ނިއުކްލިޔާ ހަތިޔާރުތަކުގެ 90 އިންސައްތަ ހުރީ ރަޝިއާއާއި އެމެރިކާގައެވެ. ރަޝިއާގައި ހަތަރު ހާހަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ހުރިއިރު އެމެރިކާގައި ތިންހާހަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު އެބަހުއްޓެވެ. "ނިއު ސްޓާޓް" ޓްރިޓީން ވަގުތީ ގޮތުން ރަޝިއާ ވަކިވުމަށް ނިންމިކަން ރައީސް ވްލަދިމީރު ޕޫޓިން އިއުލާނުކުރެއްވުމުން އެމެރިކާ ވަނީ މިކަމާމެދު ކަންބޮވާކަން ހާމަކޮށްފައެވެ.