25 Feb 2023, 11:24
މަޝްހޫރު ތަރި ސެލީނާ ގޯމޭޒްގެ އިންސްޓަގްރާމް ފޮލޮވަރުން ގިނަ ވާތީ ސޯޝަލް މީޑިއާ ޕާސަނަލިޓީ ކައިލީ ޖެނާ ފޮލޮވަރުން ގަންނަ ކަމަށް ބުނެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.
ސޯޝަލް މީޑިއާ، ހާއްސަކޮށް އިންސްޓަގްރާމްގައި ވެސް އެންމެ ނުފޫޒު ގަދަ އެއްބަޔަކީ ކާޑޭޝިއަން/ޖެނާ އާއިލާއެވެ. އޭގެތެރެއިން ވެސް އެންމެ ބާރު އޮންނަނީ ކައިލީ ކޮސްމެޓިކްސްގެ ސީއީއޯ އަދި ސޯޝަލައިޓް، ކައިލީ ޖެނާއެވެ. ޖުމްލަ 380 މިލިއަން ފޮލޮވަރުންނާއެކު ކައިލީ އަކީ އިންސްޓަގްރާމްގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ އަންހެން ސެލެބްރިޓީއެވެ.
އިންސްޓަގްރާމް އެކަނި ބޭނުންކޮށްގެން ވެސް ކައިލީ އަށް ކޮންމެ ޕޯސްޓަކަށް އެތައް މިލިއަން ޑޮލަރު ލިބެއެވެ. ނަމަވެސް ކައިލީގެ ކުރީން އިންސްޓަގްރާމްގެ ރާނީގެ ގޮތުގައި ނަން ދެވިފައިވަނީ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޯމެޒް އަށެެވެ. އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ސެލީނާ ވަނީ 2018 ވަނަ އަހަރުގައި ސޯޝަލް މީޑިއާއިން ބްރޭކެއް ނަގާފައެވެ. އެއާއެކު އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ތަރިއަކަށް ވީ ކައިލީއެވެ.
https://twitter.com/ThePopTingz/status/1628022640949485569
ސެލީނާ ވަނީ ދާދިފަހުން ސޯޝަލް މީޑިއާގައި އަލުން އެކްޓިވް ވާން ފަށާފައެވެ. އެއާއެކު އޭނާގެ ކޮންޓެންޓުތައް ބަލައި ޕޭޖަށް ވަންނަ މީހުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ސެލީނާގެ ފޮލޮވަރުންގެ އަދަދު މިހާރު ކައިލީގެ އަދަދާ ފަހަނައަޅައި ދިޔުމަށް ބޭނުންވާ އަދަދު މިހާރު ވަނީ 500،000 އަށް ކުޑަވެފައެވެ.
ނަމަވެސް މިއާއެކު ފެންމަތިވެގެން ދިޔައީ އިތުރު މައްސަލައެކެވެ. އެއީ ކައިލީގެ ފޮލޮވަރުގެ އަދަަދާ ވާދަ ނުކުރެވޭ ގޮތް ހެދުމަށް ކައިލީ ފޮލޮވަރުން ގަންނަ ކަމަށް ބުނާ މައްސަލައެވެ.
ދެ ތަރިންގެ ފޮލޮވަރުންގެ ކައުންޓް ވަގުތުން ބަލަމުން ދިޔަ ޔޫޒަރެއް ބުނިގޮތުގައި ކައިލީގެ ފޮލޮވަރުންގެ އަދަދު ވަނީ ކުއްލި ގޮތަކަށް 200،000 އަށް އިތުރު ވެފައެވެ. އެގޮތަށް ކުއްލިއަކަށް 200،000 ފޮލޮވަރުން ލިބިފައިވަނީ ދެ މިނެޓު ތެރޭގައެވެ. މިކަމުން އިޝާރާތް ކުރަނީ ފޮލޮވަރުން ގަތް ކަމެވެ.
މި މައްސަލައާ ގުޅޭގޮތުން ކައިލީ އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.