ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފި އެވެ.

އެމްޑީޕީން ބުނި ގޮތުގައި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމެއްގައި އެގޮތަށް ނިންމީ މަޖިލީހުގެ ބޮޑެތި ބައެއް މައްސަލަތައް ޕާޓީތަކާ މަޝްވަރާކުރެއްވުމެއް ނެތި ޝާހިދު އަމިއްލަފުޅަށް ނިންމަވަމުން ގެންދަވާތީ އެވެ. އެގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ މައްސަލަ އާންމު ކޮމިޓީން ދިރާސާ ކުރައްވައި ވަކިގޮތެއް އަންގަވަންދެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާ އަށް އަމަލު ނުކުރުމަށް ޝާހިދު ނިންމަވާފައިވާ ނިންމެވުން ހިމެނޭ ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސްގެ ބަޔާނަށް ރައްދު ދިނުން ފަދަ މުހިންމު މައްސަލައެއްގައި އާންމުކޮށް މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމުގައި އަމަލުކުރެވެމުންދާ ގޮތާއި ބެސްޓް ޕްރެކްޓިސްއަށް ބެލުމެއްނެތި މަޖިލީހުގެ ވޯޓެއްގައި މެންބަރުންގެ ހިޔާލުހޯދުމެއް ނެތި، މަޖިލީހުގެ ރައީސް އަމިއްލަފުޅަށް އެކަންތައް ނިންމަވާފައިވާތީ ރޭގެ ބައްދަލުވުމުގައި އެކަންތައްތައް ފާހަގަކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް ނިންމީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ކަމަށެވެ.