22 Feb 2023, 09:25
ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް މުހިންމު ރޯލްއަކުން ފެނިގެންދާ ހޮލީވުޑް ފިލްމު "ކަންދަހާރް"ގެ ފުރަތަމަ ޓީޒާއާއެކު ފިލްމު ރިލީޒްކުރާނެ ތާރީޚު އިއުލާނުކޮށްފިއެވެ.
މިއަހަރުގެ މެއި މަހުގެ 26ގައި ފިލްމު ތިއޭޓަރަށް އަންނާނެކަމަށް ބުނަމުން އެކްޓަރު ބުނެފައިވަނީ، ފިލްމުގެ ޓީޒާއިން ފިލްމާބެހޭ މުހިންމު ކަންތައްތަކެއް ޚިޔާލަށް ގެނެވޭނެކަމަށެވެ. ހޮލީވުޑްގެ މިއެކްޝަން ތްރިލާއިން އަލީއާއެކު ދެން ފެންނާނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެރާޑް ބަޓްލާއެވެ. މީގެއިތުރުން އޮލީވިއާ މާއި ބެރެޓްއާއި ނީނާ ޓުސައިންޓް-ވައިޓް ވެސް ފިލްމުން ފެންނާނެއެވެ.
މިފިލްމުގެ ޑައިރެކްޓަރަކީ، އެމެރިކަން އެކްޝަން ތްރިލާ ފިލްމު "އެންޖެލް ހެޒް ފޯލެން"ގެ ފިލްމުގެ ސީރީސްތައް ލިޔެ ޑައިރެކްޓްކޮށްފައިވާ ރިކް ރޮމަން ވޯގްއެވެ.
މި ފިލްމުގައި އެކްޓަރު ޖެރާޑް ބަޓްލާ ފެންނާނީ ސީ.އައި.އޭ އޮޕަރޭޝަނަކަށް ގޮސްގެން އުޅެނިކޮށް އަފްގާނިސްތާނުގައި ތާށިވެ އެތަނުން ސަލާމަތްވާނެ މަގު ހޯދާ އެޖެންޓެއްގެ ރޯލްއިންނެވެ. ޓޮމް ހެރިސް ނަމަކަށްކިޔާ މީހެއްގެ ރޯލްއިން ޖެރާޑް ފެނިގެންދާއިރު އަލީ ފަޒަލް ފިލްމުގައި ފެންނާނެ ރޯލަކާބެހޭ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
މިފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ސަޢޫދީ ޢަރަބިއްޔާގައި ކުރިޔަށް ގެންގޮސްފައިވާއިރު ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހުވަނީ އެއްކޮށް ނިންމާލާފައެވެ.
ފިލްމު "ތްރީ އިޑިއަޓްސް"، "ފުކްރޭ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަލީ ފަޒަލް މީގެ ކުރިން ވެސްވަނީ ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި، "ފިއުރިއަސް 7" އަދި "ޑެތް އޮން ދަ ނީލް" ހިމެނެއެވެ. މި ފިލްމުގެ އިތުރުން އަލީ އަންނަނީ ނެޓްފްލިކްސްއިން އުފައްދާ ތްރިލާ ފިލްމު "ޚޫފިޔާ"ގައިވެސް މަސައްކަތްކުރަމުންނެވެ.