22 Feb 2023, 10:13
އޮޑިދޯނިފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އަންނަ މޭމަހުން ފެށިގެން އެ އުޅަނދެއްގެ ވަރިފަރާތުން ޒިންމާވާންޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަދައިފިއެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ވަނީ، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދާ ރައްކާތެރިކަމާއެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކާ ހަމަޔަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭނެކަމަށެވެ. އަދި އުޅަނދުގެ ވެރިފަރާތުގެ އިހުމާލުން ނުވަތަ އުޅަނދުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ، އުޅަނދުގެ ވެރިފަރާތުން އުފުލަންޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
މީގެ އިތުރުން، އުޅަނދުގެ ކައްޕީގެ ޒިންމާތަކުގެ ތެރޭގައި، ކަަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދާ އެރުވުމުގައާއި
ބޭލުމުގައި އުޅަނދުގެ ފަޅުވެރިން ޢަމަލުކުރަނީ މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށްތޯ ބެލުން ހިމެނެއެވެ.
އުޅަނދަށް މުދާ އެރުވުމުގެ ކުރިން އެ މުދަލާ ގުޅޭގޮތުން ވަކި މައުލޫމާތުތަކެއް އުޅަނދުގެ ކައްޕިއާ ހިއްސާކުރަންޖެހެއެވެ.
އެގޮތުން ހިއްސާކުރަންޖެހޭ މައުލޫމާތު ތަކަކީ:
މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު
- މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު
- މުދަލުގެ ބާވަތް
- ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަން
- ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލެއްނަމަ، އެ މައުލޫމާތު
އުޅަނދަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި ކައްޕި ނުވަތަ ފަޅުވެރިންގެ އިހުމާލުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާ ހަވާލުވެހުރި ފަރާތަކުން، މުދަލުގެ ވެރިފަރާތަށް ދޭންޖެހޭނެއެވެ.
އުޅަނދުގައި މުދާ ބަރުކޮށްފައިވާ ތަންތަނުގައި އަލިފާން ގެންގުޅެގެން ނުވަތަ އުޅަނދަށް ކަނޑައަޅައިފައިވާ ބަރުމަރުކާއަށް ވުރެ އިތުރަށް މުދާ އުފުލައިގެން މުދަލަކަށް ގެއްލުން ވެއްޖެނަމަ އުުޅަނދުގެ ވެރިފަރާތް 2000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.