22 Feb 2023, 09:50
މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޯމޭޒްގެ ބަރުދަނަށް ކުއްލިކުއްލިއަށް ބަދަލު އަންނާތީ ބައެއް މީހުން އެކަމަށް ފާޑުކިޔާ މައްސަލަ ހޫނުވެއްޖެއެވެ.
ސޯޝަލް މީޑިއާއާ ދުރުގައި ހުރުމަށްފަހު ސެލީނާ ވަނީ ދާދިފަހުން އޭނާގެ ސޯޝަލް މީޑިއާގައި އެކްޓިވް ވާން ފަށާފައެވެ. އެއާއެކު އޭނާ އަންނަނީ އޭނާގެ އާންމު ދިރިއުޅުމުގެ ގިނަ ކަންތައްތައް ހިއްސާކުރަމުންނެވެ. އޭގެ ތެރޭގައި މޭކަޕް ރޫޓީން އާއި ދުވަހުގެ ރޫޓީން ފަދަ ކަންތައްތައް އޭނާ އަންނަނީ ހިއްސާ ކުރަމުންނެވެ.
ނަމަވެސް ސެލީނާގެ ބަރުދަނާ ބެހޭ ގޮތުން ބައެއް މީހުން ދަނީ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.
ސެލީނާއަކީ ލޫޕަސް ކިޔާ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ ތަރިއެކެވެ. އެ ބަލީގެ ވާހަކަ މީގެ ކުރިން އޭނާ ވަނީ ތަކުރާރުކޮށް ދައްކާފައެވެ. މި ބަލީގެ ގޮތުން އާންމުކޮށް ބައެއް ކަހަލަ ޕްރޮސީޖާތައް ހަދައި ބާރުގަދަ ބޭސްތައް ކާން ޖެހޭ ކަމަށް ސެލީނާ ކުރީން ވެސް ވަނީ ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ބަރުދަނަށް ވެސް އެކި ކަހަލަ ބަދަލުތައް އާދެއެވެ.
މިކަމަށް ބައެއް މީހުން ފާޑުކިޔާތީ، ދާދި ފަހުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ސެލީނާ ވަނީ އެމީހުންނަށް ރައްދުދީފައެވެ. ސެލީނާ ބުނާގޮތުގައި ބޭސް އާންމުކޮށް ކާ ދުވަސްތަކުގައި އޭނާގެ ބަރުދަން އިތުރުވެއެވެ. އަދި ބޭސް ކާން ނުޖެހޭ ދުވަސްތަކުގައި އޭނާގެ ބަރުދަން ލުއިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
އެއާއެކު، އެހެން މީހުންގެ ހާލަތާ މެދު ވިސްނައި، އެމީހުންނަށް އޯގާތެރިވެ އެމީހުންގެ ދަތި ހާލަތު ދެނެގަތުމަށް ސެލީނާ ވަނީ އެދިފައެވެ. އޭނާ އަކީ މޮޑެލް އެއް ނޫން ކަމަށާއި އޭނާއަކަށް މޮޑެލް އަކަށް ނުވެވޭނެ ކަމަށް ވެސް ސެލީނާ ބުންޏެވެ. އޭނާގެ ބަރުދަނަށް އެހާ ބޮޑަށް ބަލައިގެން އެކަމާ ކަންބޮޑުވެގެން އުޅެން ނުޖެހޭ ކަމަށް ވެސް ސެލީނާ ބުންޏެވެ.