ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފިއެވެ.

ރައީސް ޔާމީނުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިކަން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވަނީ ޔަގީންކޮށްދެއްވާފައެވެ.

މިކަމާ ގުޅޭ ގޮތުން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފުކޮށްފައިވާ ކަމަށާއި، އިސްތިއުނާފު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމިން 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ވ. އަތޮޅު އާރަށުގެ މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވުމުންނެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އިދިކޮޅު ޕީޕީއެމް އާއީ ޕީއެންސީ ކޯލިޝަނުން ރިޔާސީ ޓިކެޓް ދީފައިވާ ރައީސް ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނީ އެމަނިކުފާނުގެ ކުށެއް ނެތް ކަމަށް މަތީ މަރުހަލާގެ ކޯޓަކުން ނިންމުމުންނެވެ.

ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ވެސް ހައިކޯޓުން ނިމުނީ އަހަރެއްހާ ދުވަހުންނެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގެ ކުރިން މި މައްސަލައިގެ އިސްތިއުނާފު ނުނިމިދާނެ ކަމުގެ ކަންބޮޑުވުން އިދިކޮޅު މެންބަރުން ފާޅުކުރެއެވެ.