މިދިޔަ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައެޅުމަށާއި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ސިވިލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ބަލައިގަންނަން ނިންމާ، މި ހަފުތާގެ އަންގާރަ ދުވަހަށް އެ މައްސަލައިގެ ޝަރީއަތެއް ތާވަލުކޮށްފައިވާ ކަމަށެވެ.

ރިޔާސީ ޓިކެޓް ހުއްޓުވައިދިނުމުގެ އަމުރަކަށް އެދިފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވަލުގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީން ވަނީ ރަސްމީކޮށް، ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު އަރުވައިފައެވެ.

އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެ މައްސަލައިގައި ވަކާލާތު ކުރައްވަނީ ވެސް އެ މަނިކުފާނުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދެވެ.

މި މައްސަލައިގައި އެދިފައިވަނީ އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ ޕާޓީން މެންބަރުން ވަކިކުރަން ޖެހޭ އުސޫލާ އެއްގޮތައް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. ޕްރައިމަރީގެ ކެމްޕޭންގައާއި ކެމްޕޭނަށް ފަހުގައި ވެސް ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ތަކުރާރުކޮށް އެ ތުހުމަތު ކުރައްވައިފައެވެ.

އަދި، ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ޞާލިޙަށް އާންމު އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ތާއީދުނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމްޑީޕީން ވަނީ މީގެ ކުރިން އުސޫލާ ހިލާފަށް ގިނަ މެމްބަރުންތަކެއް ވަކިކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަށް ދޮގުކޮށްފައެވެ. އެ ޕާޓީން ބުނީ، ވަކިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ތިބި މީހުން ކަމަށެވެ. އަދި، ޕާޓީގެ ދަފުތަރުން ވަކި ކުރުމުގެ ކުރިން އަލުން އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އެ މެންބަރުންނަށް ދިން ކަމަށް ވަނީ ބުނެފައެވެ.

އެކަމަކު، ނަޝީދު ގެންދަވަނީ އެއީ އޮޅުވާލުމެއްގެ ތެރެއިން އެ މަނިކުފާނަށް ތާއީދުކުރާ މެންބަރުން ވަކި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

އެހެންވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުނުކޮށް، ޕާޓީ ތެރޭ ސިޔާސީ ވަކި ހަރަކާތެއް ހިންގަން އެ މަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.