ރައްޔިތުންގެ މަޖިލީހުގެ މާހައުލަކީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ރައްކާތެރި މާހައުލެއްތޯ، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ސުވާލު އުފައްދަވައިފިއެވެ.

މެމްބަރު އެފަދައިން ސުވާލު އުފެއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މެމްބަރު އާދަމް ޝަރީފް ވަނީ ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް ފުރިހަމަ އިންސާފު ލިބިފައިވޭތޯ ނަޝީދާ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑު ސުވާލުކޮށްލަން ބޭނުން އިއްޒަތްތެރި ރައީސްއާ. ރައީސްއަށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން އެ މައްސަލައިގައި ރައީސް އަށް އިންސާފު ލިބުނުތޯ،" މެމްބަރު އެއްސެވިއެވެ.

މެމްބަރު ވިދާޅުވީ އިންސާފު ލިބިފައިވާނަމަ އެ އިންސާފު ލިބުނީ ކިހާވަރަކަށް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެއީ ކިހިނެއް މިން ކުރެވޭނެ ކަމެއްތޯ ވެސް މެމްބަރު އެއްސެވިއެވެ.

ސުވާލުތައް ކުރައްވަމުން ގޮސް އެންމެ ފަހުން މެމްބަރު އާދަމް ޝަރީފް ވަނީ އެހަމަލާ ދިނުމުގައި މަޖިލީހަށް ނިސްބަތްވާ މީހަކު ނުހިމެނޭކަން ކަށަވަރު ކުރެވެނީ ކިހިނެއްތޯ އައްސަވާފައެވެ.

މެމްބަރު ވިދާޅުވީ މިހާރު މަޖިލީހުގައި ދެކެވެމުންދާ ވާހަކަތަކަށް ބަލާއިރު، އެ މައްސަލައިގެ ރިޕޯޓު އަލުން ބަލަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ރިޕޯޓު ވެސް އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން ބަލަން އެބަޖެހޭ މިތަނުގައި އިއްޒަތްތެރި ރައީސްއަށް އެބައޮތްތޯ މިނިވަންކަމާ އެކީގައި މަސައްކަތް ކުރުމުގެ މާހައުލެއް. ސުވާލު އުފެދޭ މި މާހައުލުގެ ތެރެއިން މަޖިލިސް މެމްބަރަކު ހިމެނިފައި ނުވޭތޯ. އެކަން ކަށަވަރު ކުރެވުނުތޯ 241 ކޮމިޓީއަށް،" މެމްބަރު ސުވާލު އުފެއްދެވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދުރާލާ ރާވައިގެން ބޮމުގެ ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެއެވެ. އެގޮތުން ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިވަޑައިގެންފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ ޖަރުމަނުން ވެސް ފަރުވާ ހޯއްދަވާފައެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީން) ވަނީ އިންކުއަރީ ރިޕޯޓެއް ވެސް އެކުލަވާލާފައެވެ.