ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ވޮލެޓް މެދުވެރިކޮށް ކިއު އާރު ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތްތަކަށް އެ ބޭންކުން ބަދަލު ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ކިއުއާރު ބޭނުން ކޮށްގެން ކުރެވޭ ދެ މުއާމަލާތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ކިއުއާރު ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން މުއާމަލާތް ކުރެވޭ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމަށް ވަނީ ނިންމައިފައެވެ.

މީގެ ކުރިން މޯބައިލް ވޮލެޓްއިން ކިއުއާރު ބޭނުން ކޮށްގެން މުއާމަލާތް ކުރުމަށް ވަކި ވަރެއް ކަނޑައަޅާފައެއް ނޯވެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ކިއުއާރު ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ވެސް ގިނަވެގެން 10 މުއާމަލާތް ކުރެވޭ ގޮތަށް ވަނީ ހަދާފައެވެ. މީގެ ކުރިން އެފަދަ އެއްވެސް ކަހަލަ ލިމިޓެއް ކަނޑައަޅާފައެއް ނޯވެއެވެ.

ބެންކުން މިބަދަލުތައް ގެނެސްފައި މިވަނީ ސްކޭމްތައް ގިނަވެ އެތައް ބައެއްގެ އެކައުންޓްތަކުން ފައިސާ ފޭރުން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ.

ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕްގެ އާ އަޕްޑޭޓާ އެކު ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ތައާރަފު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހުއެވެ.