ކެމްބުރިޖު އޯލެވެލް އިމްތިހާނުން ވަކިވަކި މާއްދާތަކުން 100 ޕަސެންޓް މާކްސް ހޯދައިގެން ރާއްޖޭގެ ހަތަރު ދަރިވަރަކު އެއް ވަނަ ހާސިލުކޮށްފި އެވެ.

ގަދަ ދިހައަކަށް ހޮވުނު ކުދިންނަށް އެވޯޑް ދިނީ ރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ 33 ދަރިވަރަކު ހިމެނިފައިވާ އިރު ހަތަރު ދަރިވަރުން ވަނީ ދުނިޔެ އިން އެއް ވަނަ ހާސިލުކޮށްފަ އެވެ. މީގެ ތެރެއިން އެއް ވަނަ ހާސިލް ކޮށްފައި ވަނީ ޓްރެވަލް އެންޑް ޓޫރިޒަމް ސްޓަޑީޒް އިން އަހުމަދު ހިންދާމެވެ. ކޮމްޕިޓާ ސްޓަޑީޒް އިން އަހުމަދު ޝައްފާން މުހައްމަދެވެ. އެ ދެ ދަރިވަރުންނަކީ މަޖީދިއްޔާ ސްކޫލުގެ ދެ ދަރިވަރުންނެވެ. ބިޒްނަސް ސްޓަޑީޒް އިން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަމްރު މުހައްމަދު ދީދީ އެއް ވަނަ ހާއްސިލުކޮށްފައިވާ އިރު އިންގްލިޝް ލެންގުއޭޖުން ދުނިޔެ އިން އެއް ވަނަ މުހިއްބުއްދީން ސްކޫލުގެ ފާތުމަތު ސަނާ ހަލީމް ވަނީ ހާއްސިލުކޮށްފަ އެވެ.

ރާއްޖެ އިން 6432 ދަރިވަރަކު ހެދި އިމްތިހާނު ހެދި އިރު އޭގެތެރެއިން 378 ދަރިވަރުން ވަނީ ގަދަ ދިހައެއް ހާސިލުކޮށްފަ އެވެ.

ގަދަ ދިހައެއްގެ ނަތީޖާ އަށް ބަލާއިރު އެއް ވަނަ 46 ދަރިވަރަކު ހާސިލުކޮށްފައިވާ އިރު ދެ ވަނަ 65 ދަރިވަރަކު ވަނީ ހާސިލުކޮށްފަ އެވެ. އަދި ތިން ވަނަ 18 ދަރިވަރުން، ހަތަރު ވަނަ 70 ދަރިވަރުން، ފަސް ވަނަ 34 ދަރިވަރުން، ހަ ވަނަ 53 ދަރިވަރުން، އަދި ހަތް ވަނަ ނުވަ ދަރިވަރުން، އަށް ވަނަ 24 ދަރިވަރުން، ނުވަ ވަނަ 41 ދަރިވަރުން އަދި 18 ދަރިވަރަކު ދިހަ ވަނަ ހާސިލްކޮށްފައިވެ އެވެ.

އޭގެ ކުރީ އަހަރާ އަޅާބަލާ އިރު ފަސް މާއްދާ އިން ފާސްވި ނިސްބަތް 37 ޕަސެންޓް ވަނީ ކުރިއަށް ޖެހިފަ އެވެ. އެހެންކަމުން ފަސް މާއްދާ އިން ފާސްވި ނިސްބަތް އިތުރުވެގެން ދޭ އެވޯޑު 22 ސުކޫލަކުން ވަނީ ހާސިލުކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރާ އަޅާބަލާ އިރު ނަތީޖާ 10 ޕަސެންޓުގެ ކުރިއެރުމެއް ހާސިލުކޮށްގެން 55 ފަސް ސުކޫލަކުން ވަނީ އެވޯޑު ހާސިލުކޮށްފަ އެވެ.

ރޭގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރާއްޖޭގެ ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.