19:00


ނޫސްވެރިކަމުގެ ދާއިރާގައި 23 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވާ ހަވީރު ނޫހުގެ ކުރީގެ އެގްޒެކެޓިވް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ސަން އެފް ޓީމާ ގުޅިވަޑައިގެންފި އެވެ.


މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ހިރިގާ މިއަދު ސަންއެފްއެމް ޓީމާ ގުޅިވަޑައިގެންފައި ވަނީ ސަން އެފްއެމް އޮންލައިންގެ ޗީފް އެޑިޓަރުގެ ގޮތުގަ އެވެ.


ސަންއެފްއެމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހިރިގާ މިއަދު ވިދާޅުވީ، އޭނާ ސަންއެފްއެމް ޓީމާ ގުޅިވަޑައިގެންނެވުމަށް ނިންމެވީ ސަންއެފްއެމަކީ އެންމެ މިނިވަންކަމާއެކު "ފްރީ މީޑިއާއެއް" ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ސްޓޭޝަނަށް ވާތީ ކަމަށެވެ. އަދި މިފަދަ ސިޔާސީ ހަލަބޮލި ދުވަސްކޮޅެއްގައި އޭނާގެ ކޮންޓްރިބިއުޝަން ވެސް ނޫސްވެރިކަމަށް ދެއްވުމުގެ ބޭނުމުގައި ކަމަށެވެ.


ހިރިގާ އިތުރަށް ވިދާޅުވީ، ސަންއެފްއެމް އޮންލައިން އާ ގުޅިވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ މެނޭޖްމެންޓާ ވާހަކަ ދެއްކެވުމަށްފަހު އިތުރު ސްޓާފުން ހޯދެއްވުން ކަމަށެވެ. އަދި ޓީމް މަސައްކަތާއެކު ސަންއެފްއެމް އޮންލައިނަކީ އެންމެ މަޝްހޫރު އޮންލައިން ވެބްސައިޓަށް ހައްދަވާނެ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.


ސަން އެފްއެމް އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހްމަދު ޒާހިރަށް މަރުހަބާ ދެންނެވުމަށް ސަންއެފްއެމްގައި މިއަދު ވަނީ ހާއްސަ ޖަލްސާއެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ހިރިގާ ޒާހިރަށް މަރުހަބާ ވިދާޅުވެ ވާހަކަ ދެއްކެވީ ސަން އެފްއެމްގެ ސީއީއޯ ސިނާން އަލީ އެވެ. އަދި ސަން މެގަޒިންގެ ޑެޕިއުޓީ އެޑިޓަރު އާދަމް ހަލީމާއި ސަން އެފްއެމްގެ ޕްރޮގްރާމް ކޮންސަލްޓަންޓު ފަރެސް މުހައްމަދު އާމިރު ވެސް ވާހަކަ ދެއްކެވި އެވެ.