މިހާތަނަށް އުފެދުނު އެންމެ މަގުބޫލު ކޭޕޮޕް ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ އެއް ގްރޫޕު ކަމަށްވާ "ބްލެކް ޕިންކް"ގެ މެމްބަރު ޖިސޫގެ ސޯލޯ މިއުޒިކް ނެރެން ތައްޔާރުވެއްޖެއެވެ.

ކޭޕޮޕް މިއުޒިކްގެ ބޮޑެތި ބޭންޑުތަކުން އަލްބަމްތައް ނެރުމަށް ފަހު ދެން ލިބޭ ދުވަސްތަކުގައި އެ ބޭންޑެއްގެ މެމްބަރުން ވަކި ވަކީން މިއުޒިކް ނެރޭނެއެވެ. އެގޮތުން ބްލެކް ޕިންކް މެމްބަރުން ވެސް ދަނީ ބޭންޑާ ވަކިން މިއުޒިކް ނެރެމުންނެވެ. ބްލެކް ޕިންކްގެ ހަތަރު މެމްބަރުން، ޖެނީ، ޖިސޫ، ރޮސީ އަދި ލީސާގެ ތެރެއިން އަމިއްލަ މިއުޒިކް ނެރެފައި ނުވަނީ މިހާރު ޖިސޫ އެކަންޏެވެ.

ބްލެކް ޕިންކް ހިންގާ ކުންފުނި، ވައިޖީ އިން ބުނެފައިވަނީ މިހާރު އަންނަނީ ޖިސޫގެ ސޯލޯ ނެރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އޭނާގެ ފުރަތަމަ ސިންގަލްގެ މިއުޒިކް ވީޑިއޯގެ ޝޫޓިން މިހާރު ކުރިއަށް ދާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ވައިޖީ އިން ބުނާގޮތުގައި މިއުޒިކް ވީޑިއޯގެ ޝޫޓިން ދަނީ ވަރަށް ސިއްރިއްޔާތުގައެވެ. އަދި އެ ޝޫޓިން ކުރިއަށް ގެންދަނީ ކޮރިއާއިން ބޭރުގެ އެކި ސަރަހައްދުތަކުގައި ކަމަށް ވެސް ވަނީ ބުނެފައެވެ. މައުލޫމާތު ލިބޭގޮތުގައި އެ މިއުޒިކް ވީޑިއޯއަކީ ބްލެކް ޕިންކްގެ މިއުޒިކް ވީޑިއޯއަށް އެންމެ ބޮޑު ޚަރަދެއް ކުރާ މިއުޒިކް ވީޑިއޯއެވެ.

ބްލެކް ޕިންކް މެމްބަރުންގެ ސޯލޯ މިއުޒިކް ނެރެން ފެށި ފަހުން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ޖިސޫގެ ސޯލޯއަށެވެ. އެންމެ ފަހުން ސޯލޯ ކުޑަ އަލްބަމަކާއެކު މިއުޒިކް ނެރެން ތައްޔާރު ވެފައިވާއިރު އެ އަލްބަމް ނެރޭނެ ސީދާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި މިއުޒިކް ނެރޭނެ ކަމަށް ވަނީ އިޝާރާތްތަކެއް ކޮށްފައެވެ.

ބްލެކް ޕިންކުގެ އަލްބަމް މަސައްކަތް ކުރުމުގެ އިތުރުން ޖިސޫއަށް މިދިޔަ އަހަރުވީ ބިޒީ އަހަރަކަށެވެ. ޖިސޫ ވަނީ ކޮރިއަން ޑްރާމާއެއްގެ ލީޑު ރޯލުގައި ވެސް ދާދިފަހުން މަސައްކަތް ކޮށްފައެވެ.