21 Feb 2023, 08:50
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި, ބަތަލާ ޔާމީ ގޯތަމްގެ ފިލްމު "އަ ތާޒްޑޭ"ގެ ސީކުއަލްއެއް އުފެއްދުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޑިޒްނީ ހޮޓް ސްޓާގައި ރިލީޒްކުރި އެ ފިލްމަކީ ތްރިލާއެކެވެ.
އެ ފިލްމު ސިނަމާގައި ރިލީޒްނުކޮށް ޑިޖިޓަލް ޕްރިމިއާއަކަށް ދިޔަ ނަމަވެސް ފިލްމުގައި ދެވުނު މެސެޖަކީ ބެލުންތެރިންނަށް ވަރަށް މުހިންމު މެސެޖަކަށް ވިއެވެ.
އެ ފިލްމުގައި ފެނުނީ ނާސަރީ ސްކޫލެއްގައި ކިޔަވަމުންދާ ތުއްތު ކުދިންގެ މުދައްރިސު އެކުދިން ރަހީނުކުރުމުން ހިނގާ ހާދިސާތަކެކެވެ. އެކުދިން ސަލާމަތްކުރުމަށް އެކި މުއައްސަސާތައް ކުރަމުންދާ މަސައްކަތް ފިލްމުގައި ދައްކުވައިދެއެވެ. މިފިލްމުން ވަރަށް މުހިއްމު މެސެޖެއް ބެލުންތެރިންނާ ޙިއްސާކޮށްފައިވާއިރު، މީގެ ސީކުއަލްގެ ވާހަކަވެސް ވަރަށް ތަފާތުވާނެކަމަށް ބެލެވެއެވެ.
މިފިލްމުގެ ސީކުއަލްއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތައް ތިލަވެފައިވަނީ ފިލްމު ރިލީޒްކުރިތާ އަހަރެއް ވުމާ ގުޅިގެންނެވެ. މިފިލްމާ ބެހޭގޮތުން މީގެކުރިން ބަތަލާ ޔާމީ ބުނެފައިވަނީ، ސިނަމާއަކީ، ބެލުންތެރިންނަށް ދޭން ބޭނުންވާ މެސެޖް ރައްދުކޮށްދިނުމުގައި ބޭނުންކުރެވޭނެ އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ ވަޞީލަތްކަމަށެވެ.
ފިލްމު "އަ ތާޒްޑޭ"އަކީ ބަތަލާ ޔާމީގެ ޙަޔާތުގައި މިހާތަނަށް ކުޅުނު އެންމެ ނާޒުކު ފިލްމުކަމަށް އޭނާ ވަނީ ބުނެފައެވެ. ޔާމީގެ އިތުރުން ބަތަލާ ޑިމްޕަލް ކަޕާޑިއާ އަދި ނެހާ ދޫޕިއާވެސް މިފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ފެނުނެވެ.
މީގެ ދެ އަހަރު ކުރިން ފިލްމު ޕްރޮޑިއުސަރު އަދިތްޔަ ދާރްއާ ކައިވެނިކޮށްފައިވާ ޔާމީ އެންމެ ފަހުން ފެނުނީ، ޒީ އެންޓަޓެއިންމަންޓް ކުންފުނީގެ ފިލްމު "ލޮސްޓް"އިންނެވެ. އެއީ ވެސް ތްރިލާއެކެވެ. އިތުރު ދެ ފިލްމެއްގެ މަސައްކަތް ޔާމީ ކުރަމުން އަންނައިރު އޭގެތެރެއިން "އޯމައި ގޯޑް" ނަމުގައި އުފައްދާ ފިލްމުވަނީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައެވެ.