ވޮޝިންގޓަން (މާޗް 17): ވޯލްޑް ބޭންކުގެ ރައީސް ކަމަށް އެމެރިކާގެ ކެންޑިޑޭޓް ޖިމް ޔޮންގް ކިމް އިންތިޚާބުކޮށްފި އެވެ.

މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޖިމް އަކީ ކޮރެޔާ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގައި ދިގުމުއްދަތަކަށް މަސައްކަތް ކުރެއްވި ޖިމް މިހާރު ހުންނެވީ އެމެރިކާގެ ޑާޓްމޫތް ޔުނިވަސިޓީގެ ޗާންސެލާގެ ކަމުގެ މަޤާމްގަ އެވެ. ވޯލްޑް ބޭންކުގެ ވެރިކަމުގެ މަޤާމަށް ޖިމް އިންތިޚާބު ކުރީ އެބޭންކުގެ ޑައިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެމެރިކާގެ ބައިވެރިން ކަމަށްވާ ހުޅަނގު ޔޫރަޕްގެ ޤައުމުތަކާއި ކެނެޑާ އާއި ޖަޕާނާއި ދެކުނު ކޮރެޔާ ފަދަ ޤައުމުތަކުގެ ތާއީދު ލިބިގެންނެވެ.

ޖިމް މިމަޤާމަށް އިންތިޚާބުކުރުމަށް ވޯލްޑް ބޭންކުގެ ޑައިރެކްޓަރުންގެ ބޯޑުގެ ތާއީދު ހޯދުމަށް ޓަކައި އެމެރިކާ ވަނީ ވަރުގަދައަށް ކޭމްޕޭންކޮށް އެމެރިކާ އަށް ލިބިފައިވާ ބާރާއި ނުފޫޒުގެ ބޭނުންކޮށްފަ އެވެ. ނަވާރަސަތޭކަ ސާޅީސް ހަތަރު ވަނަ އަހަރުގައި ވޯލްޑް ބޭންކް އުފެދުނު ފަހުން މިހާތަނަށް އެމެރިކާގެ ރައްޔިތަކަށް ނޫނީ ވޯލްޑް ބޭންކްގެ ރައީސްކަން ލިބިފައެއްނުވެ އެވެ.

ވޯލްޑް ބޭންކުގެ ޑައިރެކްޓަރުންގެ ބޯޑުގައި އެމެރިކާ އަށް ލިބިފައިވާ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އެމެރިކާ ގެންދަނީ އެޤައުމު ފިޔަވައި އެހެން ޤައުމެއްގެ ބޭފުޅަކު މިމަޤާމަށް އިންތިޚާބު ކުރުމަށް ހުރަސްއަޅަމުންނެވެ. އެމެރިކާ އިން ވޯލްޑް ބޭންކުގައި މިގޮތަށް ޢަމަލުކުރާއިރު ޔޫރަޕުން ގެންދަނީ އައިއެމްއެފްގައި މިގޮތަށް ޢަމަލުކުރަމުންނެވެ. އައިއެމްއެފް އުފެދުނީއްސުރެ މިއަދާ ހަމައަށް ވެސް އެ ފަންޑްގެ ވެރިއަކަށް ޔޫރަޕްގެ ޤައުމެއްގެ ރައްޔިތަކު ނޫނީ އިންތިޚާބު ކުރެވިފައެއް ނުވެ އެވެ.

ކުރިއަރަމުން އަންނަ ޤައުމުތަކުގެ ކެންޑިޑޭޓުންނަށް މިދެ މުއައްސަސާގެ ތެރެއިން އެއްވެސް މުއައްސަސާއަކުން ފުރުސަތު ނުދިނުމަށް އެމެރިކާ އާއި ޔޫރަޕް ގުޅިގެން މަސައްކަތް ކުރަމުން ގެންދާއިރު ވޯލްޑް ބޭންކުގެ ރައީސް ކަމަށް ކުރިއަރަމުން އަންނަ ޤައުމުތަކުން މިފަހަރު ކުރިމަތިލި އެންމެ ވަރުގަދަ ޝަޚްސިއްޔަތަކީ ނައިޖީރިޔާގެ މާލީ ވަޒީރާ ނޮގޮޒީ އޮވެންޖޫ އެވެ. އޭނާއަށް ދެކުނު އެފްރިކާ، ބްރަޒިލް، ޗައިނާ އަދި އިންޑިޔާ ފަދަ ހުޅަނގާ އިޤްތިސާދީ ގޮތުން ވާދަކުރާ ޤައުމުތަކުގެ ތާއީދު ލިބިފައިވެ އެވެ.

ނުވަހާސް މުވައްޒަފުން މަސައްކަތްކުރާ ވޯލްޑް ބޭންކުގެ ރައީސް ކަމާ ޖިމް ޙަވާލުވެވަޑައިގަންނަ ވާނީ އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހު އެވެ. (ބީ.ބީ.ސީ)