20 Feb 2023, 23:17
ތުރުކީގެ ދެކުނުގެ ސަރަހައްދުތަކަށް 6.4 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސްފިއެވެ. މި ބިންހެލުން އައިސްފައި މިވަނީ މި ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުންތަކުން އަރައިނުގަނެވިގެން އުޅެނިކޮށެވެ.
މި ބިންހެލުން އައިސްފައި ވަނީ ތުރުކީ ގަޑިން މިރޭ 20:04 ގައެވެ.
ތުރުކީއަށް ބިންހެލުން އައިސްފައި ވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި އެ ގައުމުގެ ޑެފްނޭ ސަރަހައްދަށެވެ. އެ ބިންހެލުމުގެ އަސަރު ޑެފްނޭގެ ކައިރީގެ ސަރަހައްދު ތަކަށް ވެސް ކޮށްފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ. އަދި ބިންހެލުމާއެކު އެ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތައް ހަލާކުވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މި މަހުގެ ހަ ވަނަ ދުވަހު ވެސް ޓާކީއަށް 7.6 އާއި 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން ވަނީ އައިސްފައެވެ. މި ބިންހެލުންތަކުގެ ސަބަބުން ތުރުކީގެ 11 ޕްރޮވިންސަކުން 12،000 އަށްވުރެ ގިނަ އިމާރާތް ވެއްޓި ވަނީ ބިމާ ހަމަވެފައެވެ.
ތުރުކީގެ ބިންހެލުމުގައި 46،000 އަށް ވުރެން ގިނަ މީހުން މަރުވިކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު 120000 އަށްވުރެ މައްޗެވެ.