21 Feb 2023, 09:33
ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ ހދ. ގެ ޗެމްޕިއަންކަން ނާވައިދުއިން ރޭ ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ އަތޮޅުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ނޭކުރެންދުއާއި ނާވައިދޫއެވެ. އެ މެޗު ފަހަތުން އަރައި 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނާވައިދޫއިންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު އެ ފައިނަލް މެޗުގައި ޖެހިި ހަމައެކަނި ގޯލު މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ޝާފިއުއެވެ. ނާވައިދޫ ޓީމުގެ ކެޕްޓަން ޔާމީން މުހައްމަދު ނޭކުރެންދޫ ޓީމުގެ ތިން ކުޅުން ތެރިން ކައިރިން ނައްޓާލުމަށްފަހު ޝާފިއުއަށް ޖައްސާލި ބޯޅަ ފަސޭހަ ކަމާއެކު އޭނާ ވަނީ ހުސްކޮށްހުރި ގޯލަށް ފޮނުވާލައިފައެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގެ ހއ. އަތޮޅުގެ ޗެމްޕިއަން ތައްޓާއެކު ނާވައިދޫއިން ވަނީ 2016، 2018، 2019، 2021، 2022 އަދި 2023 ވަނަ އަހަރުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
ރޭ ވަނީ ހއ. އަތޮޅުގެ ފައިނަލް މެޗު ވެސް ކުޅެފައެވެ. އެ މެޗުގައި ފިއްލަދޫން ގޯލެއްޖަހައި ލީޑު ނަގައިފައިވަނިކޮށް ފަހަތުން އަރައި އެ ޓީމު ބަލިކޮށް އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދީ އުތީމެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "ސަން"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.
ނޭކުރެންދޫއާއި ނާވައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބާރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.