ދިވެހި ބަހަކީ ދިވެހިންގެ ފަހުރެވެ. ދިވެހީންގެ، ދިވެހިވަންތަކަން ދައްކުވައިދޭ އެންމެ އަގުހުރި ޖަވާހިރަކީ ދިވެހިބަހަށް ވުމަކީ އޭގެ އެންމެ ބޮޑު ސަބަބެވެ. އެހެން ގައުމުތަކުގެ ބަސްތަކެކޭ އެއްގޮތަށް، ދިވެހީންގެ މޫރިތިކަމާ، ބަލާޢާތްތެރިކަމާ އަދި ފަސާޙާތްތެރިކަން ރަމްޒުކޮށްދެނީ ދިވެހި ބަހުން ކަމަށް ވުމުންނެވެ.

ނަމަވެސް، ދިވެހީންގެ މި އަގުހުރި "ރަމްޒު" މިއަދު ދިވެހީންގެ އަތުން ބީވެގެން ދާ ކަމުގެ ނިޝާންތައް ފެންނަކަމީ ޙަގީގަތެކެވެ. ދިވެހި ބަސް އޮވެމެ، އަންނާން އޮތް ޖީލުތަކަށް އެ ބަސް ފުރިހަމައަށް ރައްދުނުކުރެވިދާނެ ކަމުގެ ބިރު، މިއަދު އޮތް ކަމީ ފެންނާން ހުރި ހަގީގަތެވެ. މިކަން މިހެން ދިމާވާ ސަބަބުތައް ބައިވަރެވެ.

ޖީލަކުން ޖީލެއް، ދިވެހި ބަސް ވަޅު ޖެހުން.

ދިވެހި ބަސް، ވަޅުޖެހި، އެ ބަސް މަޑުމަޑުން ނެތެމުންދާ ވާހަކަ އެންމެ ބޮޑަށް ދެކެވެނީ މިހާރުގެ ޅަކުދިން، ދިވެހި ބަހަށް ވުރެ އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށް މޮޅުވަމުން ދާތީއެވެ. އެންމެ ތުއްތު އިރުއްސުރެ އެކުދިންނަށް ދަސްވަނީ އެ ބަހެވެ. ދިވެހި ބަހުން މުޙާތަބު ކުރުމަކީ ނުވާ ކަމެކެވެ. އެކުދިން ފުރާ ފުރިހަމަވެ އަދި ބޮޑު ވަމުން އަންނަ އިރު، މިކަމާ އެކުދީންގެ މައިންބަފައިންނާ އޮތް ގުޅުން މާ ބޮޑެވެ.

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން:-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބައެއްފަހަރު އެބަ ފެނޭ، ކުދިން ދިވެހި މާއްދާއަށް އޮންނަ ޝައުގުވެރިކަން ކުޑަވާތަން. އެހެން އެވަނީ އެކުދީންގެ މާޙައުލުން [ގޭތެރެއިން] ދިވެހި ބަހަށް އޮންނަ ސަމާލުކަން ކުޑަވީމަ. މާޙައުލުގެ އެންމެ ނުފޫޒު ގަދަ ބަޔަކަށް އުޅެނީ ބެލެނިވެރިން. ބެލެނިވެރިން ބޭނުންވަނީ އެމީހުންގެ ދަރިންނަށް އިނގިރޭސިބަހުން ވާހަކަ ދައްކަން،" ޤައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ ދިވެހި ބަހުގެ މުދައްރިސެއް ކަމުގައިވާ އަޙްމަދު ޝަފީގު ވިދާޅުވިއެވެ.

މައިންބަފައިންގެ ފަރާތުން އެކުދިންނަށް ފެންނަ އާދަތަކާއި އުޅުންތަކަކީ ކުދިންނަށް އެންމެ ފަސޭހައިން ނަގައިގަނެވޭނެ ކަންތައްތަކެވެ. ކަންކަން ދަސްވަމުން އަންނަ ދުވަސްވަރު، މައިންބަފައިން ވާހަކަ ދައްކާ ބަހަކުން ކުދިން ވާހަކަ ދެއްކުމަށް ފަރިތަ ވެއެވެ.

"އިނގިރޭސިބަހުގެ އިތުރުން ދުނިޔޭގެ އެހެން ބަސް ބަހުން ވެސް ވާހަކަ ދެއްކުން ރަނގަޅު. އެކަމަކު އަހަރުމެން އުޅޭ ތަނުގައި މާދަރީ ބަސް [ދިވެހި ބަސް] ދޫކުރުމުން، އިނގިރޭސި ބަސް މި ވަނީ އެކުދިންގެ މާދަރީ ބަހަށް،" އަޙްމަދު ޝަފީގު ވިދާޅުވިއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ގޭތެރޭގެ އިތުރުން، މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވަނީ އެ ކުދީންގެ ސްކޫލު މާޙައުލުންނެވެ. ވަކިން ޚާއްސަކޮށް، މިހާރު ނަމުން ބުނާނަމަ "ކީ ސްޓޭޖް 1" ގައި އެކުދިންނަށް އިނގިރޭސި ބަސް އުނގަންނައިދެވޭ މިންވަރު މާބޮޑަށް އިތުރު ވުމެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްކޫލުތަކުގައި ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައިދިނުމަށް އިސްކަން ދޭން ޖެހޭ. އެކަން އަސްލު ނުކުރެވޭ މިހާރު. ވަކިން ޚާއްސަކޮށް ގްރޭޑް 1،2 އަދި 3 ގެ ކުދިންނަށް،" ދިވެހި ބަސް އުނގަންނައިދެއްވާ އިލްޔާސް ޝުޖާއު ވިދާޅުވިއެވެ.

އެއީ އެންމެ ފަސޭހައިން ކަންކަން ދަސްކުރާ އުމުރެވެ. އެހެންކަމުން އެ އުމުރުގައި ދިވެހި ބަސް ބޮޑަށް ކިޔަވައި ދިނުން ވަރަށް މުހިންމެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"އަޅުގަނޑަށް ހީވަނީ އިނގިރޭސިން ކިޔަވައިދިނުމުގެ ބަދަލުގައި ދިވެހިން ކިޔަވައިދިނުމަކީ އޭގެ ޙައްލެން ހެން. އެކަން ކުރެވިގެން ވާނީ،" އިލްޔާސް ޝުޖާއު ވިދާޅުވިއެވެ.

މިއަދު، ދިވެހި ބަހަކީ ވަކި އުމުރުފުރާ އަކުން މަތީގެ މީހުންގެ ބަހެކޭ ބުނެވޭ ކަހަލައެވެ. އެންމެ ތުއްތު ކުދިން ފެށިގެން ގާތްގަޑަކަށް 12 އަހަރުގެ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އިނގިރޭސި ބަހަށް ވަރަށް ފަރިތަ ކުދިންނެވެ. އެ ކުދިންނަށް އިނގިރޭސި ބަސް މާ ފަރިތައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރުގެ ކުދީންގެ ތެރެއިން، އެންމެ ބޮޑަށް ޅަ ކުދިންނަށް އަޅުގަނޑުމެން މިހެން ވާހަކަ ދައްކާއިރު މަދު މަދުން އިނގިރޭސި ބަސް ބޭނުން ކުރިޔަސް، އެ ކުދިންނަށް މަދުމަދުން ބޭނުން ކުރެވެނީ ދިވެހި ބަސް. ބޮޑަށް އިނގިރޭސި ބަސް ބޭނުން ކުރަނީ،" ޢާންމު ރައްޔިތެއް އޭނާ މިކަމާ މެދު ދެކޭ ގޮތް ބުންޏެވެ.

ދިވެހި ބަހަށް އިސްކަން ދޭން ގާނޫނަކުން ފުއްދާލެވެން ނެތް.

ދިވެހި ބަސް ވަޅުޖެހި، އެ ބަސް ކުރި ނޭރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ބަހަށް ދޭން ޖެހޭ އިސްކަން ނުދިނުމެވެ. މިކަމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ފެށިގެން ގޮސް، އެންމެ ޢާންމު ފަރާތްތަކާ ހަމައަށް ވެސް ނުކުރެވި އޮތް ކަމެކެވެ.

އެ ގާނޫނުގެ ހަތަރުވަނަ ބާބުގެ، 16 ވަނަ މާއްދާގެ (ހ) އަކީ މީގެ ކުޑަ މިސާލެކެވެ. އޭގައި ވަނީ:

"މަދަރުސާގެ ގޯތިތެރޭގައި އަދި ޢިމާރަތުގެ ތެރޭގައި ބަހައްޓާ ތަފާތު ޝިޢާރުތަކާއި، ޢިލްމީ ލިޔުންތައް ލިޔުމުގައި އިސްކަންދޭންވާނީ ދިވެހި ބަހަށެވެ،"

މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފުރަ މާލޭގައި ތިބި ސްކޫލުތަކުގެ ތެރެއިން، ބޭރު ފާރުތަކުގައި ކުރަހާފައި ހުރި އެންމެ ސްކޫލެއްގައި ވެސް ދިވެހި ބަހުގެ އެންމެ އަކުރެއް ވެސް ނެތެވެ.

އައު އަހަރުގެ ކިޔެވުން ފެށުން

މި ގާނޫނުގެ ދަށުން 16 ވަނަ މާއްދާގެ (ށ) އިން އެ މާއްދާގެ (ހ) އަށް ހުރަސް ނާޅާތީއެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ތެރެއިން ދިވެހި ބަހަށް އިސްކަން ދިނުމަށް، ވަކި ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައި ނުވުމެވެ.

މީގެ އިތުރުން، އާންމުންނަށް ފެންނަ ގޮތަށް ހުންނަ ކޮންމެ ނަން ބޯޑެއްގައި ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ ކަމުގައި އެ ގާނޫނުގެ ހަވަނަ ބާބުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް އެކަން އެހެން ވާތަނެއް ވެސް ނުފެނެއެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ވާހަކައަކީ ވެސް މިފަދަ ވާހަކައެކެވެ. ތައުލީމުގެ ގާނޫނުގެ ހަތަރު ވަނަ ބާބުގެ 22 ވަނަ މާއްދާގައި ދިވެހި ރާއްޖޭގައި ޕްރީ ސްކޫލު ތަޢުލީމާއި، ފަށާ ތަޢުލީމާއި، ސާނަވީ ތަޢުލީމުގެ އިތުރުން މަތީ ސާނަވީ ތަޢުލީމު އުނގަންނައިދޭ ކޮންމެ ސްކޫލެއްގައި ދިވެހި ބަސް ކިޔަވައިދޭން ލާޒިމެވެ.

ސްކޫލެއްގެ ދަރިވަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި ދިވެހި ބަހުން ކިޔަވައިދިނުން، ނުވަތަ "ލެންގުއޭޖް މީޑިއަމް" އަކީ ދިވެހި ބަސް ކަމުގައި ބަޔާންކޮށްފައެއް ނެތެވެ. ދިވެހި ބަހުން ހުރިހާ މާއްދާއެއް ކިޔަވައި ނުދެވުނަސް، އިސްތިސްނާވާ ޙާލަތްތައް ބަޔާންކޮށް، ސްކޫލުތަކުގައި ދިވެހި މީޑިއަމަށް ކިޔަވައިދިނުން ހަމަ ލާޒިމު ކުރެވުނީހެވެ.

އެކަމަކު މީގެ ނަތީޖާ މިއަދު ވަރަށް ސާފެވެ. މަދަރުސާތަކުގައި ދިވެހި ބަހުން މުޢާމަލާތް ކުރުން މަދުވެއްޖެއެވެ. އިނގިރޭސި ބަހަކީ ގިނަ ސްކޫލުތަކުގެ "ލެންގުއޭޖް މީޑިއަމް"އަށް ވެއްޖެއެވެ.

މިކަމަށް އަވަސް ޙައްލެއް ބޭނުންވޭ

ދިވެހި ބަހަކީ މުއްސަނދި ބަހަކަށް ވީއިރު، އެ ބަސް ވަޅުޖެހޭކަށް އެބަސް ދެކެ ލޯބިވާ އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. މިއަދު އެ މަންޒަރު ފެނުނު ނަމަވެސް، މި މަންޒަރު ބަދަލު ކުރުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ.

ރާއްޖެއަށް މީގެ އެންމެ ބޮޑު އެއް މިސާލެއް ދައްކާ އެއް ގައުމަށް ޖަޕާނު ވާނެއެވެ. ޖަޕާނުގައި އިނގިރޭސި ބަސް ކިޔަވައިދެވެނީ އެ ގައުމުގެ ކުދިންނަށް 10 އަހަރު ވުމަށް ފަހުއެވެ.

އެއީ އެއަށް ވުރެ ޅަ ކުދިންނަށް، އެކުދީންގެ މާދަރީ ބަހުން ނޫން އެ ނޫން ބަސް ތަކުން ވާހަކަ ދައްކަން ފުރުސަތު ދިނުމަކީ، މާދަރީ ބަހަށް އޮންނަ ލޯބި ކުޑަވާ ކަމެއް ކަމަށް އެ ގައުމުގެ ރައްޔިތުންނަށް ގަބޫލުކުރެވޭތީއެވެ. އެކަމަކީ އެކި އެކި ދިރާސާވެރިންގެ ހޯދުންތަކުން ވެސް ސާބިތުވެފައިވާ ކަމަކަށް ވުމެވެ.

ތިނަދޫގެ އަބޫބަކުރު ސްކޫލުގައި ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން --- ފޮޓޯ/ އަބޫބަކުރު ސްކޫލް

މިއަދު ދިވެހި ބަހަށް، އާރޯކަމާއި ތާޒާކަން ގެނެސްދެވެން އޮތީ އެންމެން އެކުގައި މަސައްކަތްކޮށްގެންނެވެ. ގޭތެރެއިން ފެށިގެން، މަގުމައްޗާއި، ސްކޫލު އަދި މުއައްސަސާތަކުން އެ ޒިންމާ ފުރިހަމައަށް އަދާކޮށްގެންނެވެ.

"ބަސް ކުރިއެރުވުމަށް މިއަދު ފެންވަރު ރަނގަޅު މުބާރާތްތައް ބާއްވާ. އެކަމުން ރަނގަޅު ކުރިއެރުމެއް ލިބޭ. ނަމަވެސް އަޅުގަނޑު ބިރުގަނޭ ފަހުން ވާނެ ގޮތަކާމެދު. މި ދެންނެވީ މިއަދު ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކާ ކުދިން އުޅޭ ނަމަވެސް، މާދަން އެ މަންޒަރު ބަދަލު ވުމުގެ ފުރުސަތު ބޮޑުކަމަށް އަޅުގަނޑަށް ފެންނާތީ" ޢާންމު ރައްޔިތަކު ބުންޏެވެ.

ބަހެއްގެ މުއްސަނދިކަން ފެންނާނީ އެ ބަހަކުން ވާހަކަ ދައްކާ މީހުން އެބަހަށް މޮޅުވެގެންނެވެ. އެ ބަހުން ހުނަރުތައް ދައްކައިގެންނެވެ. އެބަހަށް ހޭނިގެންނެވެ. އެ ބަސް ދަސްކުރަން މަސައްކަތް ކޮށްގެންނެވެ. އެ ބަސް ދެކެ ލޯބިވެގެންނެވެ. އަމިއްލަ މާދަރީ ބަސް ކަމުގައި އެ ބަސް ދެކިގެންނެވެ.