އިދިކޮޅު ކޯލިޝަނުން މާލެއާއި އަތޮޅުތެރޭގައި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތައް ރޫޅާލުމުގައި ކުރިން އިންޒާރު ދިނުމަކާނުލާ ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބުނަމުން އަންނަނީ މާލޭގައި ކުރިޔަށް ގެންދާ މުޒާހަރާތަކުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމާއި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކޮށް، ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރުން ނޫސްވެރިންނަށް އަނިޔާ ކުރަމުން އަންނަ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ސިލްސިލާކޮށް ކުރިޔަށް ގެންދާ ހަރަކާތްތައް އެ ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެގޮތުން މާލެ އާއި އަތޮޅުތެރޭގައި ކުރިޔަށް ގެންގޮސްފައިވާ 49 ހަރަކާތެއް ކޮމިޝަންގެ ފަރާތުން މޮނިޓާ ކޮށްފައިވާއިރު އެ ހަރަކާތްތަކާއި ގުޅިގެން ކޮމިޝަނަށް ފާހަގަ ކުރެވޭ މައްސަލަތަކާއި ކޮމިޝަނަށް ހުށަހަޅާފައި މައްސަލަތައް ބަލަމުންދާ ކަމަށެވެ.

"ބައެއް ހާލަތްތަކުގައި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމާއި އަދި ބައެއް ހާލަތްތަކުގައި އެއްވުން ރޫޅާލުމުގެ ކުރިން އިންޒާރު ދީފައިނުވާކަމާއި އިންޒާރުދިނުމަކާނުލާ ޕެޕާ ސްޕްރޭ ޖަހާފައިވާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެފަ،" އެޗްއާރުސީއެމުން ބުންޏެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ލިބިދޭ ހައްގެއްކަން ފާހަގަ ކުރަމުން އެ ކޮމިޝަނުން ބުނީ އެކަމަކު މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވެސް އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމާ ޚިލާފުވާ ފަދަ ކަންކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މަގުމަތީގެ އަދަބުތަކާ ޚިލާފަށް ޢާއްމުންނަށް އުނދަގޫވާ ގޮތަކަށް ޓްރެފިކް ބްލޮކް ކުރުމާއި ބޭއަދަބީ ބަސްތަކާއި ޝިއާރުތައް ބޭނުންކުރުމާއި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ގޮތްގޮތަށް މުޒާހަރާގެ ބައިވެރިން ޢަމަލުކުރުމާއި މުޒާހަރާގެ ބައިވެރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ބައިވެރިކޮށްފައިވާކަން ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ.

މިކަންކަމުގެ އިތުރުން ވެސް އާއްމު ރައްޔިތުންގެ ފަރާތުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖެހުމާއި ސައިކަލެއްގައި ގޮސް ވަންނަން އުޅުން ފަދަ ނޭދެވޭ އަދި ގެއްލުން ލިބިދާނެ ފަދަ ޢަަމަލުތަކެއް ކޮށްފައިވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރުސީއެމުން ބުނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން އެއްވެ އުޅުމުގެ ހައްގު ރައްޔިތުންނަށް ދީފައިވާއިރު އެ ހައްގު ބޭނުންކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހްތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް ޓަކައި މުހިއްމުކަމެއް ކަމަށެވެ.

މީގެ އިތުރުން މުޒާހަރާގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް މުޒާހަރާތައް އޮބްޒާވް ކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތައް ހިފަހައްޓާ، ޒިންމާދާރުކަމާއެކު ޢާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކޮމިޝަނުން އިލްތިމާސް ކުރެއެވެ.

"މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ފުލުހުންގެ ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރަން. އަދި އެއްވެ އުޅުމުގެ ގާނޫނު މަނާކުރާ ކަންތައްތައް ކުރުމުން ދުރުހެލިވުމަށް މުޒާހަރާގެ ބައިވެރިންނާއި ދިފާއީ ބާރުތަކާއި ޢާއްމުންނަށް ވެސް އިލްތިމާސް ކުރަން،" އެޗްއާރުސީއެމުން ބުންޏެވެ.