އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރުމަށް ޤައުމީ ކްރިކެޓް ޓީމް އިއްޔެ ތައިލެންޑަށް ފުރައިފިއެވެ.

ޤައުމީ ކުރިކެޓް ޓީމް ތައިލެންޑަށް މި ކުރާ ދަތުރަކީ އޭޝިއަން ކްރިކެޓް ކައުންސިލްގެ އޭޝިއަންކަޕް 2023 މުބާރާތަށް ކޮލިފައިވުމުގެ ގޮތުން އޭސީސީ ޗެލެންޖާސްކަޕް ގައި ވާދަކުރުމަށް ކުރާ ދަތުރެކެވެ.

ޤައުމީ ކްރިކެޓް ޓީމް ތައިލެންޑަށް ފުރާފައިވަނީ އިއްޔެ ހެނދުނެވެ. ޓީމް ފުރުމުގެ ކުރިން މާފަންނު ބަސް ޓާމިނަލުގައި ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލާ، ކްރިކެޓް ބޯޑުގެ ބައެއް މެމްބަރުންގެ އިތުރުން ކުޅުންތެރިންގެ އާއިލާތަކުން ވަނީ ޓީމަށް ހިތްވަރު ދީފައެވެ.

ޤައުމީ ކްރިކެޓް ޓީމް ފުރުމުގެ ކުރިން، ކްރިކެޓް ޓީމް އާއިލާ އާއެކު-- ފޮޓޯ/ކްރިކެޓް ބޯޑް

އޭސީސީ މެންސް ޗެލެންޖާސް ކަޕްގައި ދިވެހިރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނޭ ޓީމްތަކަކީ ބަހްރެއިން، ބޫޓާން، އަދި އީރާނެވެ. މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ސައުދީ އަރަބިއްޔާ، އިންޑޮނޭޝިއާ، ތައިލެންޑް އަދި މިޔަންމާއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި މިމަހުގެ 25 ވަނަ ދުވަހު ނިކުންނާނީ އީރާނާ ދެކޮޅަށެވެ.

އޯދީއައި ފޯމެޓަށް ކުޅޭ 50 އޯވަރުގެ މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މާޗްމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.