17 Apr 2012, 09:14
ބެއިޖިން (މާޗް 17): އުތުރުކޮރެޔާގެ މައްސަލާގައި ހަރުކަށިކަން ކުރިޔަށް ނުނެރުމަށް ޗައިނާ އިން އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފި އެވެ.
އުތުރުކޮރެޔާ އިން ދުރުރާސްތާގެ މިސައިލެއް ތަޖްރިބާކުރުމަށް ކުރި ނާކާމިޔާބު މަސައްކަތް ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރަށް ފަހު ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ލިޔޫ ވައިމީން ވިދާޅުވީ ސަލާމަތީ މަޖިލީހަކީ އުތުރުކޮރެޔާގެ މައްސަލަ ގޯސްކޮށް އެޤައުމަށް އިންޒާރުދީ ބިރުދައްކާ ފަރާތަކަށް ވެގެންނުވާނެ ކަމުގަ އެވެ. މީގެބަދަލުގައި ސަލާމަތީ މަޖިލިސް ވާން ޖެހޭނީ މައްސަލަތައް ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް މަސައްކަތްކުރާ ތަނަކަށް ކަމަށް ވައިމީން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮރެޔާ ސަރަހައްދުގައި އެއްވެސް ފަރާތަކުން ހަނގުރާމައިގެ ބެރުޖަހައިގެންނުވާނެ ކަމުގަ އެވެ. ދާދިފަހުން އުތުރުކޮރެޔާ އިން ސެޓަލައިޓެއް ޖައްވަށް ފޮނުވުމަށްކުރި ނާކާމިޔާބު މަސައްކަތް އެމެރިކާ އާއި ޖަޕާނާ އަދި ދެކުނު ކޮރެޔާއިން ސިފަކޮށްފައި ވަނީ ދުރުރާސްތާގެ މިސައިލް ތަޖްރިބާކުރަން ކުރިމަސައްކަތެއްގެ ގޮތުގަ އެވެ.
މިމަސައްކަތާ ގުޅިގެން އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރުފިޔަވަޅުތައް އެޅުމަށް އެމެރިކާ ގޮވާލި ނަމަވެސް މިކަމާ ބެހޭ ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރަން ބޭނުންވާ ތާއީދު އެމެރިކާއަށް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސެޓަލައިޓް ފޮނުވުމުގެ މައްސަލާގައި އުތުރުކޮރެޔާ ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރަކީ އެމެރިކާގެ ޤަރާރެކެވެ. މިޤަރާރު ފާސްކޮށްފައި ވަނީ ޗައިނާ ބޭނުންވާ އިސްލާހްތައް އެއަށްގެނަސް ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ބައި އެއިން އުނިކުރުމަށްފަހުގަ އެވެ. (ނޫސްއެޖެންސީތައް)