ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ތަހުގީގީ ފުލުހުންނަކީ، މަދުވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމަށް ގާނޫނުން ދީފައިވާ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ދިނުމަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

ގާނޫނުގައިވާގޮތުން، އެކި މައްސަލަތައް ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ އެ އިދާރާއިން ގަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ބަޔަކަށް ވާން ޖެހެއެވެ.

ދެހާސް އެކާވީސް ވަނަ އަހަރު އަމަލުކުރަން ފެށި އެ ގާނޫނުގައި، ވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ދެ އަހަރުގެ މުއްދަތަށް އެ އަކުރަށް އަމަލުކުރުން ފަސް ކުރުމުގެ އިޚުތިޔާރު ޕޮލިސް ކޮމިޝަނަރަށް ލިބެއެވެ.

ނަމަވެސް މިއަދު ހުށަހެޅި ބިލުގައި ވާގޮތުން އެ މުއްދަތު ވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިތުރު ކުރުމުގެ ފުރުސަތު ކޮމިޝަނަރަށް ދިނުމަށް ނިންމާފައިވެއެވެ.

ބިލުގައިވާގޮތުން އެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ކޮމިޝަނަރަށް ދިނުމަށް ނިންމާފައިވަނީ މިހާރު ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތަހުގީގު ކުރާ ހުރިހާ ފުލުހުންނަށް އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށް ނިންމިދާނެ ކަމަށް ނުފެންނާތީއެވެ.