20 Feb 2023, 14:47
މާލޭ ސިޓީ ކައުންސިލުން ހެދި، "މާލޭ ސިޓީގެ މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތުކުރުމާ ބެހޭ އުސޫލު" ބާތިލު ކޮށްދިނުމަށް އެދި ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން މިއަދު ބަލައިގެންފިއެވެ.
ސްޓެލްކޯއިން މި މައްސަލަ އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅީ މިމަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް، ސްޓެލްކޯއިން ހުށަހަޅައިފައިވާ މައްސަލައިގައި، ސިޓީ ކައުންސިލުން ހެދި އުސޫލުތައް ގާނޫނާ ޚިލާފުވާ ސަބަބު ބަޔާންކޮށްދެވިފައި ނުވާ ކަމަށް ބުނެ ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. އެމައްސަލަ ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހެޅީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
ސްޓެލްކޯއިން މީގެ ކުރިން ބުނީ، މަގު ކޮނުމުގެ ފީ ބޮޑުވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން އުސޫލެއް ހަދާފައިވަނީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް، ލިބޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މީގެ ކުރިން ވަނީ އެއީ ބާތިލު އުސޫލެއް ކަމަށް ތުހުމަތު ކުރައްވާ، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޝަރީފު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އާންމު ކުރި އުސޫލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރައްޔިތުންގެ ޖީބަށް ކަމަށެވެ. އެއީ މަގުމަތީގައި ކުރާ މަސައްކަތްތަކަށް ނަގާ އަގު ބޮޑުވުމުންނެވެ. އޭގެ މިސާލެއްގެ ގޮތުގައި ޝަރީފު ފާހަގަ ކުރެއްވީ ހ. މިސޫރީ ގޭގެ އެންމެ ތިރީ ފަންގިފިލާގެ މަގު ކޮނުމަށް ކުރިން ނަގާ ރޭޓުތަކަށާއި މިހާރު ނަގާ ރޭޓުތަކަށެވެ.
ކުރިން އެތަނުގެ މަގު ކޮނުމުގެ ޖުމްލަ އަގެއްގެ ގޮތުގައި 31،741 ރުފިޔާ ހޭދަވާއިރު، މިހާރު ހޭދަވާނީ 80،510.68 ރުފިޔާއެވެ. މިއީ ކުރިއާ އަޅާ ބަލާއިރު 154 އިންސައްތައިގެ ބޮޑު ވުމެކެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުން އެ އުސޫލު އެކުލަވާލައިފައިވަނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ވެސް މަޝްވަރާ ކުރުމެއްނެތި ކަމަށެވެ.