21 Feb 2023, 10:26
އެމެރިކާގައި އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ހައި ސްކޫލް ޑިޕްލޮމާ ހާސިލުކޮށްފިއެވެ.
އެމެރިކާގެ ޕެންސިލްވޭނިއާއަށް ނިސްބަތްވާ ޑޭވިޑް ބަލޯގަން ވަނީ އެ ސްޓޭޓުގެ ރީޗް ސައިބާ ޗާޓާ ސްކޫލުން ހައި ސްކޫލު މާއްދާތައް ކިޔަވައި ދަސްވެނިވެފައެވެ. ޑޭވިޑް ހައި ސްކޫލު ނިންމުމަށްފަހު މިހާރު ތައްޔާރުވަމުން އަންނަނީ ބެޗެލާސް ޑިގްރީއެއް ހޯދުމަށް ކޮލެޖަށް ދާށެވެ.
ޕެންސިލްވޭނިއާގެ ފިލަޑެލްފިއާގައި ދިރިއުޅެމުން އަންނަ ޑޭވިޑް ހައި ސްކޫލު ނިންމާފައިވަނީ އޮންލައިންކޮށް ކްލާސްތަކުގައި ބައިވެރިވެގެންނެވެ.
އެ ނޫހުގައިވާ ގޮތުން މުސްތަގުބަލުގައި ޑޭވިޑް ކުރިއަށް ދާން ބޭނުންވާ ދާއިރާ ވެސް އޭނާ ވަނީ ނިންމާފައެވެ. އެގޮތުން ޑޭވިޑް ބުނާގޮތުގައި އޭނާ ބޭނުންވަނީ އެސްޓްރޯފިޒިސިސްޓަކަށް ވާށެވެ.
ޑޭވިޑްގެ ބެލެނިވެރިންނަކީ ވެސް އެޑްވާންސްޑް އެކެޑެމިކް ޑިގްރީތައް އޮންނަ ބައެކެވެ. އޭގެ ސަބަބުން ތަފާތު އެކި ކަހަލަ ކަންތައްތައް ޑޭވިޑަށް ދަސްކޮށްދިނުމަށް ދެމަފިރިން ވަނީ މަސައްކަތް ކޮށްފައެވެ.
ފިލަޑެލްފިއާގެ ނޫހެއް ކަމަށްވާ "ޑަބްލިއުޖީއޭއެލް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑޭވިޑްގެ ކާމިޔާބީއާއެކު އޭނާ ވަނީ މުޅި ދުނިޔެއިން ވެސް، ހައި ސްކޫލު ޑިޕްލޮމާ ހޯދި އެންމެ ކުޑަކުދިންގެ ތެރޭގައި ހިމެނިފައެވެ.
އެގޮތުން ޑޭވިޑް ވަނީ އެ ލިސްޓުގެ ދެވަނައަށް އަރާފައި ކަމަށް ނޫސްތަކުގައިވެއެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ މައިކަލް ކިއާނީއެވެ. މައިކަލް ވަނީ 1990 ހައި ސްކޫލުން ދަސްވެނިވެފައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ ހަ އަހަރެވެ. އަދި އުމުރުން 14 އަހަރުގައި އޭނާ ވަނީ މާސްޓާސް ޑިގްރީއެއް ހޯދާފައެވެ.
ޑޭވިޑަށް ފަހު އެ ލިސްޓުގައި ހިމެނެނީ އެމެރިކާއަށް ނިސްބަތްވާ ރޯނަން ފަރޯ އެވެ. ރޯނަން ހައި ސްކޫލުން ޑިޕްލޮމާ ހޯދި އިރު އޭނާގެ އުމުރަކީ އެންމެ 11 އަހަރެވެ.