އަންކަރާ (20 ފެބްރުއަރީ 2023): ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓް ކަމަށްވާ އެސްޔޫ -35 މަރުކާގެ ފައިޓާޖެޓް މިހާރުވަނީ އީރާނަށް ލިބުމުގެ މަގުމަތީގައި ކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ނިއުޔޯކް ޓައިމްސް" ބުނެފިއެވެ.

އީރާނުގެ އަސްކަރީ ހަރަކާތްތަކަށް ހޯދައިބެލުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ނަގާފައިވާ ސެޓަލައިޓް ފޮޓޯތަކާއި ވީޑިއޯ އަދި ސެޓަލައިޓް އިމާޖްތަކުގެ ތަހުލީލުތަކެއްގެ މައްޗަށް ބިނާކޮށް "ނިޔުޔޯކް ޓައިމްސް" ބުނާގޮތުން ފަރުބަދަތަކެއްގެ އަޑީގައި އީރާންބިނާކޮށްފައިވާ ވައިގެ އަސްކަރީ ބޭހެއްގައި އެސްޔޫ -35 މަރުކާގެ ފައިޓާޖެޓާ އެއްގޮތަށް ކުރަހާފައިވާ ކުރެހުންތަކެއް އެބަހުއްޓެވެ.

"ނިޔުޔޯކް ޓައިމްސް" ބުނާގޮތުން މިއީ ކުރިން ނުފެންނަ ކުރެހުންތަކެކެވެ. މިކުރެހުންތައް ކުރަހާފައިވާ ތަންތަނަކީ އެ އަސްކަރީ ބޭހުގައި އެސްޔޫ -35 މަރުކާގެ ފައިޓާޖެޓް ޕާކުކުރުމަށް ތައްޔާރުކޮށްފައިވާ ތަންތަންކަމަށް އެމެރިކާގެ އަސްކަރީ މަސްއޫލުވެރިން ލަފާކުރައްވާ ކަމަށް މިނޫސް ބުނެއެވެ. އީރާނުން ވައިގެ މި ބޭސް ބިނާކޮށްފައިވަނީ އެގައުމުގެ ދެކުނުގެ ހުރުމުޒްގާން ސަރަހައްދުގައިވާ ފަރުބަދަތަކެއްގެ އަޑީގައެވެ. ނަމަކީ "އިގާބު 44" އެވެ.

އެސްޔޫ 35 ފައިޓާޖެޓް ޕާކުކޮށްފައި ބޭއްވުމަށް އީރާނުން ތައްޔާރުކޮށްފައިވާ ކަމަށް އެމެރިކާބުނާ ބިމުގެ އަޑީގެ ބަންކަރު

ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓް ކަމަށްވާ އެސްޔޫ -35 މަރުކާގެ ޖެޓް މިއަހަރުގެ ކުރީކޮޅު އީރާނަށް ލިބޭނެކަން އެގައުމުގެ މަސްއޫލުވެރިއެއް ކަމަށްވާ ޝަހްރިޔާރު ހައިދަރު މިދިޔައަހަރުގެ ފަހުކޮޅުވަނީ ހާމަކުރައްވާފައެވެ.

ޔުކްރެއިން ހަނގުރާމައާއެކު ރަޝިއާއަށްވަނީ އެކި ދާއިރާތަކުގައި އީރާނުގެ އެހީތެރިކަމަށް ބޭނުނެވެފައެވެ. މީގެތެރޭގައި އީރާނުގައި އުފައްދާ ޑްރޯން ޓެކްނޮލޮޖީއާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ބައިނަލްއަގްވާމީ ވިޔަފާރީގައި ބޭނުންކުރާ އެކިބާވަތުގެ އުކުޅުތަކާ އަދި އަދި ކަރަންޓް އުފައްދަން ބޭނުންކުރާ އިންޖީނުތަކާއި ޓާބިންސް ފަދަ ތަކެތި ހިމެނެއެވެ.

ނަތީޖާއެއްގެ ގޮތުން އަސްކަރީ އަދި މަދަނީ ދާއިރާތަކުގައި އިރާނާއި ރަޝިއާއާ ދެމެދު ސްޓްރެޓީޖިކް ގުޅުންތައް ތަރައްގީވަމުންދަނީ ވަރަށް ބާރަށެވެ. އަދި ދުވަހަކުވެސް ދެގައުމުގެ މިފަދަ ގުޅުންތައް ތަރައްގީ ނުވާހާ ހަލުއިމިނެއްގައެވެ. މިކަމުގެ ސަބަބުން އެމެރިކާވަނީ ކަންބޮޑުވާކަން އެތަށްފަހަރަކު ހާމަކޮށްފައެވެ.

ޚާއްސަކޮށް ޔުކްރެއިން ހަނގުރާމައިގާ ބޭނުންކުރުމަށް ރަޝިއާއިން އީރާނުގެ ޑްރޯން ޓެކްނޮލޮޖީ ގިނަ އަދަދަކަށް ހޯދަމުންގެންދާއިރު އޭގެބަދަލުގައި ރަޝިއާގެ އެންމެ ފަހުގެ ޖީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އީރާނަށް ލިބޭނެކަމުގެ ކަންބޮޑުވުންތައް އެމެރިކާ ވަނީ މިދިޔަ އަހަރު އެތަށްފަހަރަކު ފާޅުކޮށްފައެވެ.

މެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ "ސީއައިއޭ" ދާދިފަހުން ބުނެފައިވާގޮތުގައި ރަޝިއާ ގެންދަނީ އީރާނުގެ އަސްކަރީ ޕައިލެޓުންގެ އެތައް ބަޔަކަށް އެސްޔޫ -35 މަރުކާގެ ފައިޓާ ޖެޓް ދުއްވުމުގެ ތަމްރީން ދެމުންނެވެ. އެމެރިކާގެ މިތުހުމަތުތަކަށް އީރާނާއި ރަޝިއާ އިންކާރު ކޮށްފައެއް ނުވެއެވެ.

އީރާނަކީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް އަސްކަރީ ބާރުކަމަށްވެފައި އީރާނަކީ ހަތިޔާރުގެ ސިނާއަތުގައި ކުރިއަރާފައިވާ ގައުމެއް ނަމަވެސް އީރާނުގެ ވައިގެ ސިފައިންގެ ލަޝްކަރުގެ އެންމެބޮޑު ބަލިފަޔަކީ އެލަޝްކަރުގައި ޒަމާނީ އަސްކަރީ ފައިޓާޖެޓެއް ނެތުމެވެ. ހުރީ ދުވަސްވީ ބައުޖީލުތަކުގެ ފައިޓާޖެޓެވެ. މިބަލިކަށިކަން ފޫބައްދަން އީރާން އުފައްދައި ޚިދުމަތަށް ނެރެނީ އެކިބާވަތުގެ ޑްރޯންއާއި ބަލިސްޓިކް މިސައިލާ އަދި ކްރޫޒް މިސައިލެވެ. ނަމަވެސް ޑްރޯނާއި މިސައިލަކީ ފައިޓާޖެޓްގެ އުނިކަން ފުރިހަމައަށް ފޫބައްދައިދޭ އެއްޗެއްނޫނެވެ.

ނަމަވެސް ޒަމާނީ ފައިޓާޖެޓް ހޯދައިގެން އީރާނުގެ ވައިގެ ސިފައިންގެ ބާރުތައް ވަރުގަދަކުރުމަކީ އީރާން ވަރަށްބޮޑު އިސްކަމެއް ދޭކަމެކެވެ. ޔުކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިއާއާ ދެކޮޅަށްއެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި އީރާނުގެ އެހީތެރިކަމަށް ރަޝިއާ އެދެންޖެހުމާއެކު އޭގެބަދަލެއްގެ ގޮތުން ރަޝިއާގެ ޒަމާނީ ފައިޓާޖެޓް ފަސޭހައިން ލިބޭނެގޮތް އީރާނަށްވަނީ ފަހިވެފައެވެ. މިއީ އީރާނަށް ލިބުނު ނަސީބެއްގެ ގޮތުގައި އިސްރާއީލުގެ ނޫސްތަކުންވަނީ ސިފަކޮށްފައެވެ.

އީރާނުން ރަޝިއާގެ އެސްޔޫ -35 މަރުކާގެ ފައިޓާޖެޓް ހޯދާ އަދަދު ސާފެއްނޫނެވެ. އެމެރިކާ ލަފާކޮށްފައިވާގޮތުން އީރާނަށް ފުރަތަމަ ބުރުގައި ލިބޭނެކަމަށްވަނީ 25 ޖެޓެވެ.

މިބާވަތުގެ ހަނގުރާމަމަތީ ޖެޓް ލިބުމުން ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަސްކަރީ ބާރުތައްކަމަށްވާ ތުރުކީ، މިސްރު އަދި އިސްރާއީލުގެ ވައިގެ ސިފައިންނާ އެއްފެންވަރަށް އީރާނުގެ ވައިގެ ސިފައިންގެ ގާބިލުކަން މަތިވެގެންދާނެކަމަށް "ނިޔުޔޯކް ޓައިމްސް" ބުނެއެވެ. އަދި މިއީ އެމެރިކާއާއި އިސްރާއީލުން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށްވެސް އެނޫސް ބުނެއެވެ.

ރަޝިއާގެ އެސްޔޫ -35 މަރުކާގެ ފައިޓާޖެޓްތަކެއް ދާދިއަވަހަށް އީރާނާ ހަވާލުކުރާނެކަމަށް އީރާނުގެ ލޯކަލް ޓީވީ ޗެނެލްއަކުންވެސް ދާދިފަހުން ބުނެފައިވެއެވެ.