21 Feb 2023, 09:37
އާންމުން ހިނގައި އުޅުމަށާއި ބައިސްކަލު ދުއްވުމަށް ޚާއްސަކޮށް ދުބާއީގައި ހިޔާކޮށްފައި އޮންނަ 98 ކިލޯމީޓަރުގެ ދިގު ހައިވޭއެއް ހެދުމަށް ހުށަހަޅައިފިއެވެ.
ތިމާވެއްޓާ ރައްޓެހި "ސުޕަ ހައިވޭ"އެއްގެ ގޮތުގައި ޑިޒައިންކޮށްފައިވާ މި މަޝްރޫއަކީ ދުބާއީގެ ޑިވެލޮޕަރެއް ކަމަށްވާ ޔޫއާރުބީއިން ޑިޒައިންކޮށްފައިވާ ޕްރޮޖެކްޓެކެވެ. "ދަ ލޫޕް"ގެ ނަމުގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ އެ ހައިވޭގެ ތެރޭގައި މޫސުން ކޮންޓްރޯލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނީގެ ސީއީއޯ ބަހަރާޝް ބާގިރީން ބުނި ގޮތުގައި ލޫޕް އަކީ ބައިސްކަލް ދުއްވާ މީހުންނަށާއި ދުވާ މީހުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރެވޭނެ އެންމެ "ސްމާޓް" ސިނާއީ މަޝްރޫއެވެ.
"މި މަޝްރޫއަކީ، ހިނގާފައި އުޅޭ މީހުންނަށާއި ބައިސްކަލުގައި އުޅޭ މީހުންނަށް ދަތުރު ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ. އެމީހުންނާ މުޅި ސިޓީއާ ގުޅާލެވޭނެ،" އޭނާ ބުންޏެވެ.

ހައިވޭ އޮންނާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ/ ޔޫއާރުބީ
މި ހައިވޭގެ ތެރޭގައި ގަސް އިންދުމަށް ހަމަޖެހިފައިވާއިރު އެއްވެސް ކަހަލަ ހަތަރު ފުރޮޅުލީ އުޅަނދަކަށް އެ ތަނަށް ނުވަދެވޭނެ ކަމަށް ޑިޒައިންގައިވެއެވެ.
މި ޑިޒައިންގެ އިތުރުން ޔޫއާރުބީއިން ވަނީ ދަނޑުވެރިކަމަށް ޚާއްސަ، "އެގްރިހަބް" ކިޔާ މަޝްރޫއެއް ވެސް ޑިޒައިންކޮށްފައެވެ. މި ޑިޒައިންގައި ވެސް އިމާރާތުގެ ތެރެ ހުންނާނީ މޫސުން ކޮންޓްރޯލް ކުރެވޭ ގޮތަށެވެ. އެފަދަ ތަންތަން ހެދުމުން، ދުބާއީގެ ސަހަރާތަކާއި ހޫނު ގަދަ ސަރަހައްދުތަކުގައި ދަނޑުވެރިކަން ކުރެވޭނެ، ތިމާވެއްޓާ ރައްޓެހި އިމާރާތްތައް ހެދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޔޫއާރުބީއިން ބުނި ގޮތުގައި މި މަޝްރޫއުތައް ކުރިއަށް ގެންދާނީ ޕްރައިވެޓް އިންވެސްޓަރުން ހޯދައިގެންނެވެ. އެކަމަށް ބޭނުންވާ ފީޒިބިލިޓީ ދިރާސާތައް މިހާރު ހަދަމުން އަންނަ ކަމަށް ވެސް ބަހަރާޝް ބުންޏެވެ. މި މަސައްކަތްތައް ފެށިއްޖެ ނަމަ 2040ގެ ކުރިން މަޝްރޫއުތައް ނިމޭނޭ ކަމަށް އޭނާ ލަފާކުރެއެވެ.