16 Apr 2012, 22:09
ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާއި ޖެނުއަރީ 14، 2012 އިން ފެށިގެން ރާއްޖޭގައި ހިނގި ކަންތައްތައް ތަހުގީގުކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަނަކީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި ކޮމިޝަން އެކުލަވައިލުން ބަދަލު ކުރަންޖެހޭ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.
މިއަދު ލަންޑަންގައި އޮތް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އިން އެކަށީގެންވާ ސަޕޯޓް ހޯދުމުގައި އެ ކޮމިޝަން ފޭލް ވެފައިވާ ކަމަށެވެ. އަދި އެ ކޮމިޝަން މިނިވަން ތަނަކަށް ހަދަން ކޮމިޝަންގެ އެކުލަވައިލުމަށް ބަދަލު ގެނައުމަށާއި ކޮމިޝަނަށް މައުލޫމާތު ހޯދާ ފަރާތްތައް މިހާރުން މިހާރަށް ބަދަލުކުރުމަށް ގޮވާލާ ކަމަށެވެ.
"... ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމަށް މަގުފަހިވި ކަންތައްތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަނަކީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި އެ ކޮމިޝަނަށް ރާއްޖޭން އެކަށީގެންވާ އެއްބާރުލުން ހޯދުމުގައި ފޭލްވެފައިވާ ކަމަށް ގްރޫޕުން (ސީމެގް) އިން ދެކެއެވެ."
އަދި އެކަމުގައި ކޮމަންވެލްތުގެ އެހީތެރިކަން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މިދިއަ މާޗްމަހުގެ 15 ވަނަ ދުވަހު ސީމެގުން ބޭއްވި ޓެލެކޮންފަރެންސްގެ ފަހުން މިހާތަނަށް ވެސް ރާއްޖޭގެ ސިޔާސީ ދެބަސްވުންތައް ކުޑަކުރުމުގައި ކުރިއެރުން ހޯދިފައިވާލެއް ކުޑަކަމުން އެ ގްރޫޕުން ހިތާމަކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ކޮމަންވެލްތުގެ ބަޔާނުގައި އަދި ބުނެފައި ވަނީ ކޮމިޝަންގެ އެކުލަވައިލުމާއި މައުލޫމާތު ހޯދާ ގޮތްތައް (ޓާމްސް އޮފް ރިފަރެންސް) އަށް ބަދަލު ނުގެނެސް އިތުބާރު ކުރެވޭ ތަނަކަށް އެ ކޮމިޝަން ނުހަދައިފި ނަމަ އިތުރަށް ވަރުގަދަ ފިޔަވަޅެއް އެޅުމާ މެދު ވިސްނުމަށް މަޖުބޫރުވާނެ ކަމަށް ސީމެގުން އެއްބަސްވެފައިވާ ކަމަށެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ގޮވާލާފައިވާ ގޮވާލުން ކޮމަންވެލްތުގެ މިފަހަރުގެ ބަޔާނުގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.
ޑިމޮކްރަސީ ވަރުގަދަ ކުރުމަށާއި ދިގު މުއްދަތަށް ރާއްޖޭގެ ޝަރުއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ކޮމަންވެލްތުން ފަންނީ އެހީ ދޭނެ ކަމަށް އެ ޖަމާއަތުން ކުރިން ވެސް ބުނެފައިވާ ބުނުން މިފަހަރުގެ ބަޔާނުގައި ވެސް ތަކުރާރުކޮށްފައިވެ އެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ފަރާތްޕުޅުން ރާއްޖެ އަށް ފޮނުއްވި ހާއްސަ މަންދޫބު ސާ ޑޮނަލްޑް މެކްކިނަން ހޯއްދެވި މައުލޫމާތު ސީމެގަށް ލިބިފައިވާ ކަމަށާއި ރާއްޖޭގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބު ފަރަހަނާޒް ފައިސަލް ވެސް އެ ގްރޫޕަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށާއި ވެރިކަން ބަދަލުވީގޮތް މިނިވަންކަމާ އެކު ތަހުގީގުކުރުމަށް ކޮމަންވެލްތުން ކުރިން ވެސް ވަނީ ގޮވާލާފަ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ އަވަސް އިންތިހާބެއް ބާއްވާ ނަމަ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.