ބޮޑުތަކުރުފާނު މަގުގައި ވިލާ ގޭސް ބިލްޑިން އާ ޖެހިގެން ހިންގާ "ކެފޭ ތާސީރު" ބަންދު ކުރަން އެންގުމުން ވެސް، ބަންދު ނުކުރުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ "ސަން"އަށް ވިދާޅުވީ ދެ ފަހަރެއްގެ މަތިން ބަންދުކުރަން އެންގުމުން ވެސް ކެފޭ ތާސީރު ބަންދުނުކުރި މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ކެފޭ ތާސީރު މިހާރު ހިންގަމުން އަންނަ ބިމަކީ ޕޭ ޓޮއިލެޓެއް އިމާރާތް ކުރުމަށް ދިން ބިމެކެވެ. އެ މައްސަލައިގައި އެ ތަން ހުސްކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ސިޓީ ކައުންސިލުން އެންގިއެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި ޕޭ ޓޮއިލެޓުތައް ގާއިމުކުރުމަށް އަމިއްލަ ކުންފުންޏަކާ އޭރުގެ ސިޓީ ކައުންސިލުން ހަވާލުކުރީ މީގެ 11 އަހަރު ކުރިން، 2010ވަނަ އަހަރުއެވެ.

އެ އެއްބަސްވުމުގެ ދަށުން ފާޚާނާ ބަރިތައް ހެދި ސަރަހައްދުތަކަކީ ބާޒާރު މައްޗާއި އެމްއެމްއޭ ފުރަގަހާއި އައިފާން ބިލްޑިން ގޯޅީގައި ހުންނަ ބޯފޮޅި ކެފޭގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ތާސީރު ކެފޭއެވެ. އެތަންތަނުގައި ކެފޭތައް ހިންގި ނަމަވެސް އެންމެ އެކަށީގެންވާ ގޮތަށް ފާޚާނާތައް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ ބޮޑުވެ، މިދިޔަ އަހަރު ވަނީ ބަންދުކުރަން އަންގައިފައެވެ. ބައެއް ތަންތަން ބަންދުވެސް ކުރިއެވެ.

އޭގެ ފަހުން، މިދިޔަ މަހު މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް އިތުރުވުމުގެ ސަބަބުން ވެސް ސިޓީ ކައުންސިލުން ވަނީ ތާސީރު ކެފޭ ބަންދުކުރަން އަންގައިފައެވެ.

އެ ފަހަރު އެތަން ބަންދުކުރަން އެންގީ، ކެފޭ އާ ޖެހިގެން ހުންނަނީ ވިލާގޭސް ބިލްޑިންގެ ގޭސް ގުދަން ކަމަށްވެފައި، އެއާ ވިދިގެން ހިންގަމުން އަންނަނީ މޯލްޑިވް ގޭސް ބިލްޑިން ކަމަށް ވުމާއެކު، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތުމުންނެވެ.

އެ މައްސަލައިގައި ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ވަނީ އެ މައްސަލަ ކޯޓަށް ހުށަހެޅައިފައެވެ. އެހެންވެ، އެ ފަރާތުން ވަނީ ކައުންސިލާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން އެ އަމުރު ނެރެނުދިނުމުން ތާސީރު ކެފޭ ހިންގާ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލަ މިހާރު ވެސް ހައިކޯޓުގައި ކުރިއަށް ދެއެވެ.