އަންކަރާ (20 ފެބްރުއަރީ 2023) : ތުރުކީގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް މި ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ހިންގަމުން ގެންދާ އޮޕަރޭޝަން ގިނަ ސަރަހައްދުތަކުގައި އިއްޔެ ނިންމާލައިފިއެވެ.

ތުރުކީގެ ޑިޒާސްޓަރ އެންޑް އިމަޖެންސީ މެނޭޖްމެންޓު ޕްރެޒިޑެންސީ (އޭއެފްއޭޑީ) ގެ ވެރިޔާ ޔޫނުސް ސީޒާ ވިދާޅުވިގޮތުގައި އިއްޔެގެ ނިޔަލަށް ވަނީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ގިނަ ސަރަހައްދުތަކުގައި ނިންމާލާފައެވެ. މިހާރު ކުރިޔަށްގެންދަނީ ވެއްޓިފައިވާ ސާޅީސް އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެކަންޏެވެ.

އެއިމާރާތްތަކުގެ ދަށުގައި އަދިވެސް މީހުން ދިރިތިބިކަމުގެ ނިޝާންތައް މިހާތަނަށް ބެލިބެލުންތަކުން ހާމަވާތީ އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިޔަށްގެންގޮސް އެކަންވެސް މިއަދުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ޔޫނުސް ވިދާޅުވިއެވެ.

ތުރުކީގައި ފާއިތުވި ގާތްގަނޑަކަށް ދެ ހަފުތާގައި ކުރިޔަށްގެންގޮސްފައިވަނީ ފަހުގެ ތާރީޚެއްގައި މުޅި ދުނިޔޭގައިވެސް ހިންގި މިބާވަތުގެ އެންމެ ބޮޑު އަދި އެންމެ ފުޅާދާއިރާއެއްގެ އޮޕަރޭޝަނެވެ. މި އޮޕަރޭޝަންގައި ތުރުކީގެ ކަމާބެހޭ ފަންނީ ޓީމުތަކުގެ އިތުރުން ދުނިޔޭގެ 40 ގައުމެއްގެ ފަންނީ ޓީމުތައް ހިމެނޭގޮތަށް 3 ހާހަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ތުރުކީގެ މަސްއޫލުވެރިން ވިދާޅުވެފައިވާގޮތުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަށް ކުރިމަތިވި އެންމެބޮޑު ގޮންޖެހުންތަކަކީ ވެއްޓިފައިވާ އިމާރާތްތަކުގެ އަދަދު އާދަޔާ ޚިލާފަށް ގިނަވުމާއި މޫސުން ގޯސްވެ ގަދަފިނީގައި ސްނޯ ތެރޭގައި އެކަން ކުރަންޖެހުމެވެ. އަދި ދޭތެރެއަކުން ބިންގަނޑަށް ކުދި ލޮޅުންތައް އަންނަމުން ދިޔުމަކީވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ އަދަދު 12 ހާހަށްވުރެ ގިނައިރު ކޮންމެ އިމާރާތަކީ ކޮންކްރީޓުގެ ބޮޑު ފުނިވަރެކެވެ.

ޔޫނުސް ވިދާޅުވިގޮތުގައި ބިންހެލުންތަކުގެ ސަބަބުން ތުރުކީގެ 11 ޕްރޮވިންސަކުން 12،000 އަށްވުރެ ގިނަ އިމާރާތް ވެއްޓި ވަނީ ބިމާ ހަމަވެފައެވެ. އެ އިމާރާތްތަކުގެ ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަންގައި ޒަމާނީ ވަސީލަތްތައް ވަނީ މީގެކުރިން ހިންގި މިފަދަ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރާ ވަރަށް ބޭނުންކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން ތުރުކީގައި ވެއްޓިފައިވާ އިމާރާތްތައް

ތުރުކީގައި ހިންގި މި އޮޕަރޭޝަންގައި މީހުން ސަލާމަތްކުރުމަށް ބޭނުންކުރި ޒަމާނީ ވަސީލަތްތަކުގެ ތެރޭގައި އެމެރިކާގައި އުފައްދާފައިވާ ދެނިޒާމު ކަމަށްވާ ސިންތެޓިކް އެޕާޗާ ރާޑަރު (އެސްއޭއާރު) ނިޒާމާއި ފައިންޑިން އިންޑިވިޖުއަލްސް ފޯ ޑިޒާސްޓާ އެންޑް އިމަޖެންސީ ރެސްޕޮންސް ޓޫލް (ފައިންޑާ) ނިޒާމު ހިމެނެއެވެ. މީގެ ތެރެއިން ފުރަތަމަ ނިޒާމަކީ ސެޓަލައިޓްގެ އެހީގައި މީހުން ތިބިކަން ދެނެގަނެވޭ ނިޒާމެކެވެ. އަނެއް ނިޒާމަކީ މައިކްރޯވޭވް ރާޑަޓެކްނިލޮޖީގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ.

މި ނިޒާމުގައި މީހުން ދެނެގަންނަނީ ވެއްޓިފައިވާ ކޮންކްރީޓުތަކުގެ ތެރެއަށް މައިކްރޮވޭވްތައް ދޫކޮށްލައިގެން އެވޭވްތަކުގެ އެހީގައި އެ އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ނޭވާ އާއި ހިތުގެ ވިންދު ދެނެގަނެގެންނެވެ. މީގެއިތުރުން މީދާ ތަމްރީންކޮށްގެން މީދަލުގައި ކެމެރާހަރުކުރުމަށްފަހު ކޮންކްރީޓްތަކުގެ ތެރެއަށް މީދާތައް ފޮނުވައިގެން ތާށިވެފައިވާމީހުން ދެނެގަތުން ފަދަ ޓެކްޓިކްތަކާއި ތަމްރީނުކޮށްފައިވާ ކުއްތާ ބޭނުންކޮށްގެން ތާށިވެފައިވާ މީހުން ދެނެގަތުމުގެ ޓެކްޓިކްތައް ވެސް ބޭނުންކޮށްފައިވެއެވެ.

ތުރުކީގެ ބިންހެލުމުގައި 46،000 އަށް ވުރެން ގިނަ މީހުން މަރުވިކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު 120000 އަށްވުރެ މައްޗެވެ. މީގެތެރޭގައި ސީރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުން މަރުވި 5،000 އަށްވުރެ ގިނަ މީހުންނާއި ޒަޚަމްވި 7،000 އަށްވުރެ ގިނަ މީހުންވެސް ހިމެނެއެވެ. މި ބިންހެލުންތަކުގެ ސަބަބުން ތުރުކީ އާއި ސީރިޔާގައި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 26 މިލިއަނަށް ވުރެ ގިނަކަމަށް އދ. އިން ބުނެއެވެ. ތުރުކީގައި ހިންގި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގެ ދަށުން 18،000 އަށް ވުރެން ގިނަ މީހުން ދިރިތިއްބައި ކޮންކްރީޓްތަކުގެ ދަށުން ވަނީ ސަލާމަތް ކޮށްފައެވެ.