16 Apr 2012, 16:52
ދުނިޔޭގެ ބޮޑު ދެބާރުގެ ގޮތުގައި ޤައުމުތަކަށާއި ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ބާރާއި ނުފޫޒު ފޯރުވުމުގައި އެމެރިކާއާއި ޗައިނާ ވަރަށް ބޮޑަށް ވާދަކުރަމުން ގެންދާކަމަށް އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ސްޓްރެޓީޖިކް ކަންތައްތަކާބެހޭ އެމެރިކާގެ މަޝްހޫރު މުފައްކިރު ހެންރީ ކިސިންޖަރު ވިދާޅުވެއްޖެވެ.
ބައިނަލްއަޤްވާމީ ގުޅުންތަކާއި ސްޓްރެޓީޖް ދިރާސާތަކާބެހޭ އެމެރިކާގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ "ފޮރިން ޕޮލިސީ" ގައި ކިސިންޖަރު ލިޔުއްވާފައިވާ މަޒްމޫނެއް ގައިވާގޮތުން ޗައިނާ އެމެރިކާއާމެދު ދެކެނީ ޒަޚަމްވެފައިވާ ސުޕަރ ޕަވަރެއްގެ ގޮތުގައެވެ. އެމެރިކާ ޗައިނާއާމެދު ދެކެނީ ކައިރި މުސްތަޤްބަލެއްގައި (ހުރިހާ ރޮނގުތަކެއްގައިވެސް) އެމެރިކާއާ ވާދަކޮށް އެމެރިކާއަށް ގޮންޖަހާލުމުގެ ހަޤީޤީ ޤާބިލްކަން ލިބިގެންވާ ހަމައެކަނި ބާރުގެ ގޮތުގަ އެވެ.
އެމެރިކާ ދެކޭގޮތުގައި ޗައިނާ ގެންދަނީ ދިގުމުއްދަތުގެ ދެ ލަޑުދަނޑިއެއް ޙާސިލްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ލަޑުދަނޑިއަކީ އެމެރިކާއަށް ދުނިޔޭގައި މިހާރު ލިބިފައިވާ ސުޕަރ ޕަވަރުގެ މަޤާމުން އެމެރިކާ އެއްފަރާތްކުރުމެވެ. ދެވަނަ ލަނޑުދަނޑިއަކީ އޭޝިޔާއިން އެމެރިކާގެ ބާރާއި ނުފޫޒު ކުޑަކޮށް ޗައިނާގެ ބާރާއި ނުފޫޒު އޭޝިޔާގައި ވަރުގަދަކުރުމެވެ.
ކިސިންޖަރު ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއާއި ޗައިނާވަނީ އެންމެ ބޮޑު ދެބާރުގެ ގޮތުގައި ދުނިޔޭގެ ޤައުމުތަކަށާއި މުޅި ބައިނަލްއަޤްވާމީ ނިޒާމަށް ބާރާއި ނުފޫޒު ފޯރުވައި ދުނިޔޭގެ ލީޑަރޝިޕް ހޯދުމުގައި ރޭސްޖަހަން ފަށާފައެވެ. މިރޭހުގައި ދުވަހެއް ދުވަހަކަށް ޗައިނާ ކުރިހޯދައި ބާރުގަދަކުރަމުން ގެންދާތީ އެމެރިކާ ކަންބޮޑުވާ ކަމަށް ލިޔުއްވާފައި ވެއެވެ. ޗައިނާއަކީ ކޮމިއުނިސްޓް ބާރެއްނަމަވެސް ކުރީގެ ކޮމިއުނިސްޓް ސޮވިއެޓް ޔުނިޔަންއާ ޚިލާފަށް، ޗައިނާއަކީ އިޤްތިސާދީގޮތުން އާދަޔާ ޚިލާފަށް ބާރުގަދަ ޕޮޓެންޝިއަލް އަދި ކައިރި މުސްތަޤްބަލެއްގައި އެމެރިކާއާ އިޤްތިސާދީ ގޮތުން ފައިހަމަކުރާނެ ޤައުމެއް ކަމަށް ކިސިންޖަރު ސިފަކުރައްވާފައި ވެއެވެ.
މިޙަޤީޤަތްތަކަށްބަލާއިރު ސޮވިއެޓް ޔުނިޔަންއާ ކުރިމަތިލައިގެން އެމެރިކާއަށް ލިބުނު ކާމިޔާބީ ޗައިނާއާކުރިމަތިލައިގެން ނުލިބޭނެ ކަމަށާ ކުރީގެ ފިނިހަނގުރާމައިގެ ތަޖްރިބާގެބޭނުން ޗައިނާއާ ކުރިމަތިލުމުގައި އެމެރިކާއަށް ނުހިފޭނެ ކަމަށް ކިސިންޖަރު ދެކެވަޑައިގަންނަވައެވެ. އަދި މިހާރު ޗައިނާއާއެކު އެމެރިކާ ޖަހާ ރޭހުގައި އެމެރިކާ ބަލިވުމުގެ ފުރްސަތު އެބައޮތްކަމަށްވެސް ކިސިންޖަރު ދެކެވަޑައިގަންނަވައެވެ. ކިސިންޖަރުގެ ނަޒަރުގައި ޗައިނާއަށް ދިމާނުވާ އިޤްތިސާދީ އަދި ސަލާމަތީ ބޮޑެތި އެތަށް މައްސަލަތަކެއް އެމެރިކާއަށްވަނީ ކުރިމަތިވެފަ އެވެ.
މިމައްސަލަތާކާ ގުޅިގެން އެމެރިކާގެ ދުވެލި ދަށަށްގޮސްފައިވީ ނަމަވެސް އެމެރިކާއަށް ގޮންޖަހައި އެމެރިކާގެ މަޤާމް ހޯދުމަށް ޗައިނާ ކުރާ ކޮންމެ މަސައްކަތެއް ފެންކޮށްލުމުގައި އެމެރިކާއޮތީ ވަރުގަދަ ޢަޒުމެއްގައި ކަމަށް ކިސިންޖަރު ލިޔުއްވާފައި ވެއެވެ.
އަދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުންދާ ޗައިނާ މައިތިރިކުރުމަށް އެމެރިކާ ބޭނުންކުރާ ސްޓްރެޓެޖީ ތަކުގެ ތެރޭގައި އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުން ޗައިނާ ބަނދެލުމާއި ނުސީދާ ވަސީލަތްތައް ބޭނުންކޮށްގެން (ޗައިނާއަށް އިޙްސާސް ނުކުރެވޭގޮތަށް) ޗައިނާގެ ކުރިއެރުމަށް ހުރަސްއެޅުމާއި ޗައިނާގެ ނުފޫޒު ހިފެހެއްޓުންފަދަ ކަންތައްތައް ހިމެނޭކަމަށް ކިސިންޖަރު ދެކެވަޑައިގަންނަވައެވެ. ކިސިންޖަރު އެމެރިކާއަށް އިލްތިމާސް ކުރައްވާފައިވަނި ޗައިނާގެ ބާރުގަދަކަން ޤަބޫލުކުރުމަށާއި ޗައިނާއާ ސީދާގޮތެއްގައި ކުރިމަތިލުމަކަށް ނުދިޔުމަށާއި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރުމަށެވެ. (ފޮރިން ޕޮލިސީ)