20 Feb 2023, 10:20
ކާމިޔާބު މަރާޓީ ފިލްމު "ސައިރާތް"ގެ ރިމޭކްގެ ކާމިޔާބީއަށްފަހު އިތުރު މަރާޓީ ފިލްމެއް އުފެއްދުމަށް ޝައުޤުވެރިކަން އެބަހުރިކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.
ކަރަންގެ ސަމާލުކަން މިފަހަރު ހޯދާފައިވަނީ 2021ވަނަ އަހަރު ރިލީޒްކުރި މަރާޓީ ފިލްމު "ޖިއްމާ"އެވެ. މިފިލްމުގެ ކޮންސެޕްޓާއި ފިލްމުގައި ގެނެސްދީފައިވާ އިމޯޝަންސްތައް ކަރަންއަށް ވަރަށް ބޮޑަށް ކަމުދިޔަ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.
މިދިޔަ އަހަރުން ފެށިގެން އެ ފިލްމު އުފެއްދުމުގެ ވިސްނުން ގެންގުޅޭކަމަށް ކަރަން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފިލްމުގެ މަސައްކަތް ފަށާނީ ކަރަންގެ ރޭވުމާ އެއްގޮތަށް ކަރަން ބޭނުންވާ ކާސްޓުން ފިލްމަށް އެއްބަސްވުމުންކަމަށް އޭނާ ވަނީ ބުނެފައެވެ.
ޚަބަރުތަކުގައިވާ ގޮތުން މިފިލްމުގެ މައިގަނޑު ކާސްޓުންނަކީ އަންހެން ފިލްމީ ތަރިންނެވެ. އެގޮތުން ކަރަން ފިލްމަށް ހޮވަން ބޭނުންވާ ތަރިންގެ ނަންތައްވެސްވަނީ ހާމަކޮށްފައެވެ. އެއީ ބަތަލާ ނީނާ ގުޕްތާ، ވިދްޔާ ބާލަން އަދި މަދޫރީ ޑިކްސިޓްއެވެ. ކަރަން ދެކޭގޮތުގައި "ޖިއްމާ"ގެ ރިމޭކްއަށް އެންމެ ރަނގަޅު ވާނީ މި ތިން ބަތަލާއިންނަށެވެ. އަދި މި ތިން ބަތަލާއިން އެކީގައި ސްކްރީނުން ފެނިގެންދިއުމަކީ މުޅި ފިލްމުގެ ސްކްރިޕްޓަށްވެސް ލިބޭނެ އިތުރު ފުރިހަމަކަމެއްކަމުގައި ދަރްމާ ކުންފުނީގެ އެންމެ އިސްވެރިޔާވަނީ ބުނެފައެވެ.
މި ތިން ބަތަލާއިންނާއެކު ފިލްމު "ޖިއްމާ"ގެ ރިމޭކް ފަށައިފިނަމަ އެ ފިލްމު ވާނީ ބޮލީވުޑްގެ ހުނަރުވެރި އެ ތިން ބަތަލާއިން އެއް ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށެވެ.
މަރާޓީ ފިލްމު "ޖިއްމާ"އަކީ އެކި ޢުމުރު ފުރައިގެ އަންހެނުން ހިމެނޭ ގްރޫޕަކުން، އިންޑިއާއިން އިނގިރޭސިވިލާތުގެ ލަންޑަންއަށް ކުރާ ދަތުރުމަތީގައި ދިމާވާ ހެއްވާ މަޖާ ހާދިސާތައް ކިޔައިދޭ ފިލްމެކެވެ. މިފިލްމަކީ، ކޮވިޑް-19އިގެ ބަލިމަޑުކަމަށްފަހު ރިލީޒްކުރި މަރާޓީ ފިލްމުތަކުގެތެރެއިން ހިޓަކަށްވި ފުރަތަމަ ފިލްމެވެ.