20 Feb 2023, 10:01
ބަތަލާ ދިޕިކާ ޕަދުކޯންއާއި އެކްޓަރު އަމީތާބް ބައްޗަން އާއި ޕްރަބާސް އެކީގައި ފެންނާނެ ފިލްމު "ޕްރޮޖެކްޓް ކޭ" ނެރޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 12ވަނަ ދުވަހު ކަމަށް އިއުލާންކޮށްފިއެވެ.
ތެލުގޫ ސިނަމާގެ އެންމެ ނަންހިނގާ ޑައިރެކްޓަރު ނާގް އަޝްވިންގެ އެ ފިލްމު ރިލީޒްކުރާނެ ތާރީޚު އިއުލާނުކޮށްފައިވާއިރު ފިލްމަށް ކިޔާނެ ވަކި ނަމެއް އަދިވެސް ހަމަޖެހިފައެއް ނުވެއެވެ. "ޕްރޮޖެކްޓް ކޭ"އަކީ މި ފިލްމަށް ވަގުތީގޮތުން ދީފައިވާ ނަމެކެވެ.
މި ފިލްމަކީ އިންޑިއާގެ ސިނަމާއަށް މިހާތަނަށް އަންނާނެ އެންމެ ވަރުގަދަ ފިލްމަށް ހެދުމަކީ ފިލްމު ގެނެސްދޭ ކުންފުނި ވިޖަޔަންތީ މޫވީސްގެ އަމާޒެވެ. ދާދިފަހުން ވިޖަޔަންތީ މޫވީސް ކުންފުނިން ބުނެފައިވަނީ "ޕްރޮޖެކްޓް ކޭ" ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާކަމަށެވެ.
މި ފިލްމަކީ، ސައިންސް ފިކްޝަން ފިލްމެއްކަމުން ފިލްމުގެ ފުރަތަމަ ބައި ޚާއްޞަކޮށްފައިވަނީ ސައިންސާއި ޓެކްނޮލޮޖީގެ ދުނިޔެއަށް ބިނާކޮށެވެ. އަދި ދެވަނަ ބައި ގެނެސްދޭނީ ފުރަތަމަ ބަޔާ ގުޅުވައިގެންނެވެ.
ފިލްމުގެ ދެ ބައިވެސް ޝޫޓްކުރުމަށް ނިންމާފައިވަނީ އެކުއެކީގައި މެދު ކެނޑުމެއްނެތިއެވެ. އަދި ފިލްމު ރިލީޒްކުރުމަށް ރާވާފައިވަނީ ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ޕޮނިޔިން ސެލްވަން – ޕާޓް 1" އާއި އޭގެ ދެވަނަ ބައި ގެނެސްދެވުނުކަހަލަ ގޮތަކަށްކަމަށް ރިޕޯޓުތައް ބުނެއެވެ.
މިފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން ނިންމާފައިވާއިރު ފިލްމު މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައެވެ. ހިންދީ ބަހުންނާއި ތެލުގޫ ބަހުން ފިލްމު އުފައްދާއިރު "ޕްރޮޖެކްޓް ކޭ"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލާފައިވަނީ ބަތަލާ ދިޕިކާ ޕަދުކޯންގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ނަގް އަޝްވިން ސްކްރިޕްޓް ލިޔެ ތައްޔާރުކޮށްފައިވާ މިފިލްމުގެ ވަރަށް ޚާއްޞަ ރޯލަކުން ބަތަލާ ދިޝާ ޕަޓާނީ ވެސް ފެނިގެންދާނެއެވެ.
ދިޕިކާ އެންމެ ފަހުން ފެނުނީ ދާދިފަހުން ރިލީޒްކުރި ފިލްމު "ޕަތާން"އިންނެވެ. އޭނާގެ ދެން ފެންނާނެ ފިލްމުތަކުގެ ތެރޭގައި އެކްޓަރު ރިތިކް ރޯޝަންއާއެކު ކުޅެފައިވާ އެކްޝަން ފިލްމު "ފައިޓާ" ހިމެނެއެވެ. މީގެ އިތުރުން މިއަހަރުގެ ޖޫން މަހު ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ފިލްމު "ޖަވާން"ގެ ޚާއްޞަ ފެނިލުމަކުން އޭނާ ފެންނާނެއެވެ. މިފިލްމަކީ އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލްއިން ފެނިގެންދާ ފިލްމެކެވެ.